ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ސަރަހައްދުގައި ޓިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ.
މިޒާ އިންސްޓިޓިއުޓުގެ ނަމުގައި ހިޔާ ޓަވަރު ދޭއްގައި ހުޅުވި އެތަނުގެ ވެރިޔާ މުހައްމަދު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ހަ ކުލާސްރޫމާއެކު އެ ސެންޓަރު ހުޅުވީ މި މަހުގެ ކުރީކޮޅު ކަމަށެވެ. އެތަނުން ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭއިރު، މިވަގުތު 50 ކުދިން ޓިއުޝަން ނަގަމުންދާ ކަމަށާއި އިތުރު ކުދިންނަށްވެސް ޖާގަ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ، ޓިއުޝަން ސެންޓަރުގައި މި ވަގުތު 12 ޓީޗަރުން ކިޔަވައިދޭނެ ކަމަށެވެ.
"މި ތަނުގައި މަސައްކަތްކުރާނީ ހަމައެކަނި މިތަނުގެ ޓީޗަރުން. އެއީ މިސާލަކަށް ބަލާނަމަ އެހެން ސްކޫލެއްގައި ނޫނީ ތަނެއްގައި މަސައްކަތްކުރާ ޓީޗަރަކަށް ޓިއުޝަން ނަގައިދޭން ގިނަފަހަރު އާދެވުމަކީ ވާނެ ކަމެއް ނޫން. އޭގެ ސަބަބުން ޖެހިދާނެ ކުލާސްތައް ކެންސަލް ކުރަންވެސް. އެކަމަކު މިތަނުގެ ޓީޗަރުން ވީމަ އެމީހުން ބަލި ނުވާހާ ހިނދަކު ކުލާސްތައް ނަގައިދޭނެ. އެކަމަކު ބައެއް މާއްދާތަކަށް ޕާޓްޓައިމް ޓިޗަރުން ގެންނަން،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުދިން އިތުރުވާ ވަރަކަށް ޓީޗަރުންނާއި ކުލާސްރޫމްތައްވެސް އިތުރުކުރާނެ ކަމަށެވެ. އަދި އެ ސެންޓަރުން ނަގާ ފީއަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގާ ޓިއުޝަން ސެންޓަރުތަކުން ނަގާ ފީތަކާ އެއްވަރުގެ ފީއެއް ކަމަށާއި ނަމަވެސް އެހެން ޓިއުޝަން ސެންޓަރުތަކާ ހިލާފަށް ޗުއްޓީ ދުވަސްވަރު ނުވަތަ ކިޔަވައިނުދޭ ދުވަސްތަކަށް އެތަނުން ފައިސާ ނުނަގާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު