ދުނިޔޭގެ އާބާދީއަކީ ހަތް ބިލިއަން މީހުން ކަމަށް ވިޔަސް ގެންގުޅޭ ފޯނުގެ އަދަދު އާބާދީއަށްވުރެ އެތައް ގުނައެއް އިތުރެވެ. މީހުން ގެންގުޅޭ ބާ ފޯނުތައް ރީސައިކަލް ކުރުމަށް ވުރެ ބޮޑަށް އުކާލާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހަލާކުވާ ފޯނުގެ މައުދަންތައް ކަމަށްވާ ވަޔަރުގައި ހުންނަ ކޮޕަރ ނުވަތަ ރީޗާޖް ކުރެވޭ ބެޓެރީތަކުގައި ހުންނަ ކޯބަލްޓް ފަދަ ތަކެތި ދެވަނަ ފަހަރަށް ބޭނުން ކުރެވޭއިރުވެސް އެ ތަކެތި ގިނައިން ފެންނަނީ ގޮނޑުންނެވެ.

މީހުންނަށް ނޭނގުނު ނަމަވެސް މި ހުރިހާ މައުދަނެއް އީވޭސްޓް ނުވަތަ އިލެކްޓުރޯނިކް ކުނީގެ ގޮތުގައި ދަނީ އުކާލެވެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 16 ބިލިއަން މޯބައިލް ފޯނު މިހާރުވެސް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބައި ބޭނުންކުރަމުން އަންނަނީ ޔޫރަޕްގައި ކަމަށް ދިރާސާތަކުން ދައްކައެވެ.

އިލެކްޓްރޯނިކް ކުނީގެ "ފަރުބަދަ"، މޯބައިލް ފޯނުތަކުން ފެށިގެން ގޮސް ދޮންނަ މެޝިންތަކާއި ޓޯސްޓަރު އަދި ޓެބްލެޓް ކޮމްޕިއުޓަރާއި ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް (ޖީޕީއެސް) ޑިވައިސްތަކާ ހަމައަށް، 2030 ވަނަ އަހަރު އަންނަ އިރު އަހަރަކު 74 މިލިއަން ޓަނަށް އިތުރުވާނެ ކަމަށް ދިރާސާވެރީން ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ ކުރީކޮޅު ރޯޔަލް ސޮސައިޓީ އޮފް ކެމިސްޓްރީން ވަނީ އާ އުފެއްދުންތައް އުފެއްދުމަށް އީ-ވޭސްޓް ރިސައިކަލް ކުރުން އިތުރުކުރުމަށް ހާއްސަ ކެމްޕޭނެއްވެސް ފަށާފައެވެ.

މި ކެމްޕޭންގައި ބުނާގޮތުން ޔޫކްރޭނުގައި ހިނގާ ހަނގުރާމަ ހިމެނޭ ގޮތަށް ދުނިޔޭގެ ހަމަނުޖެހުންތައް ފާހަގަކޮށް، އަގުހުރި މެޓަލް ސަޕްލައި ޗޭންތަކަށް ނުރައްކާވާ ކަމަށާއި އެހެން ކަމުން ބާފޯނުތައް އުކާލުމުގެ ބަދަލުގައި އޭގެ ކުނި ބޭނުން ކޮށްގެން އާފޯނު އުފެއްދުމަށް ވަނީ ގޮވާލާފައެވެ. ވީއީއީގެ މަގްޑެލެނާ ޗަރިޓަނޮވިޗް ވިދާޅުވީ "މި ބާ ފޯނުތަކާއި އީވޭސްޓް ނުވަތަ އިލެކްޓުރޯނިކް ކުނިން އާ އިލެކްޓްރޯނިކް ޑިވައިސްތައް ނުވަތަ އެހެން ސާމާނު އުފެއްދުމުގައި ބޭނުންކުރެވޭނެ މުހިންމު އެތައް ވަސީލަތެއް ލިބިގެންދާނެކަމަށެވެ.