ގޫގުލްގެ ކުންފުނީގެ އެކި އެކި ހިދުމަތް ތަކަށް ހާއްސަކޮން ކްލައުޑް ކޮމްޕިއުޓިން ވިޔަފާރި ތަކަށް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ފައިސާ ބަލައިގަންނާނެ ކަން އިއުލާން ކޮށްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ކްރިޕްޓޯ ޕޭމަންޓް ކޮއިންބޭސް (ކޮއިން) އާއި އެކު މިހާރުވަނީ މިކަމަށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އެހެންކަމުން ކްރިޕްޓޯ ސްޓޮކްތަކަށް ވަނީ އާ އުއްމީދެއް ލިބިގެން ގޮސްފައެވެ.
މީގެ އިތުރުން ކޮއިންބޭސް އިން ކްރިޕްޓޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ގޫގުލް ޑޭޓާ އެނަލިޓިކްސް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުންވެސް ގޫގުލްގެ ފަރާތުން ހިންގާ އެކި އެކި ކޯސްތަކަށް ފައިސާ ދެއްކުމަށްވެސް ކްރިޕްޓޯ ކޮއިންބޭސް ޕްރައިމް ބޭނުންކުރެވޭނެއެވެ.
ދުނިޔޭގެ އިންޓަނެޓްގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ގޫގުލްގެ ކްލައުޑް ނެކްސްޓް 2022 ހޯސްޓް ކުރާނީ މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި ހަރަކާތުގައި ސައިބަރ ސެކިއުރިޓީގެ އާ އުފެއްދުންތަކާއި ހިދުމަތްތައް ފެނިގެންދާނެއެވެ. ގޫގުލްގެ ކުލައުޑް ޕްލެޓްފޯމްތަކުގައި ޑޭޓާ ހިމާޔަތް ކުރުމަށް "ކޮންފިޑެންޝަލް ކޮމްޕިއުޓިން" ނަމުގައި އާ ހުށަހެޅުންތަކެއް ދައްކާލުމަށްވެސް ގޫގުލް އިންވަނީ ރާވާފައެވެ.
މި އަހަރު ގޫގުލްގެ ސްޓޮކް ވަނީ 32 ޕަސެންޓް ފަހަތަށް ޖެހިފައެވެ. އެހެން ކަމުން ކުރިޕްޓޯ ފައިސާގެ އެހީގައި ގޫގުލް ސްޓޮކް ބޮޑު ތަނުން ރަނގަޅުވެ ސްޓޮކްތަކުގެ އާރުއެސް ރޭޓިން 80 ނުވަތަ އެއަށް ވުރެ މައްޗަށްވެސް ޖެހިދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ގޫގުލް ސްޓޮކްގެ އިތުރުން ކޮއިންބޭސް ސްޓޮކްގެ އާރުއެސް ރޭޓިން ވެސް 21 ޕަސެންޓަށް ދަށްވެފައިވާ އިރު، ގޫގުލް އާއި އެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގައި ކުރިއެރުންތަކެއް ހޯދޭނެކަމަށް ލަފާ ދިރާސާވެރީން ބުނެއެވެ.