ކްރިމިނަލް ކޯޓުގެ ހުރިހާ ގާޒީން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާތީ، މިއަދު އެ ކޯޓުގައި އެއްވެސް އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުން އެކަންޏެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު މިއަދު ވިދާޅުވީ، އެކޯޓުގެ ހުރިހާ ގާޒީން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރައްވާތީ މިއަދާއި ހަފުތާ ބަންދުގައި އެއްވެސް އަޑުއެހުމެއް ނުބާއްވާނެ ކަމަށެވެ. ނަމަވެސް، އެއީ ކޮން ތަމްރީނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އާއްމު އުސޫލުގެ ދަށުން ހުކުރު ދުވަހު ކްރިމިނަލް ކޯޓުގައި އެއްވެސް އަޑުއެހުމެއް ނުބާއްވައެވެ. އެ ދުވަހު އޮންނަނީ ބަންދު މަޖިލިސް އެކަންޏެވެ. ނަމަވެސް ބައެއް ފަހަރު ހޮނިހިރު ދުވަހަށް އަޑުހުންތައް ތާވަލުކުރެއެވެ.