އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ 21އ، މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުންނަށް އަންނަ ހަފުތާގައި ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޒަޔާން މަރުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައި ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ޒަޔާންގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާންގެ މަރާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިންވެސް ހިމެނެއެވެ. އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.
އެ ކުދިންގެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެތަނުން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވެއެވެ. އަނެއް ތިން ކުދިންނަށް އުފުލީ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.
"މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކުރަން ފޮނުވޭނެ،" ސާމިހް ވިދާޅުވިއެވެ.
- އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެ، 28އ.
- އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
- އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 29އ.
- އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
- އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
- ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
- އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.
ސާމިހް އިތުރަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް މިހާރު އެއްކުރެވިފައިވާ މައުލޫމާތުތަކުން ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގާމެދު ހިތްހަމަޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު