އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ 21އ، މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި މިއީ ކުރިން ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ޒަޔާން މަރުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައި ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޒަޔާންގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ދުރާލާ ރާވައިގެން ކަމަށާއި މި ހާދިސާ ހިންގާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ގޭންގް ހަދައިގެން ތަފާތު ކުށްތައް ކުރަމުން އަންނަ ދެ ބައެއްގެ ދެމެދުގައި ހިންގަމުންދިޔަ ސިލްސިލާ މާރާމާރީތަކުގެ ސަބަބުން ކަމަށެވެ.

"އެގޮތުން 2022 މެއި 31 ވަަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސ. ފޭދޫގައި ހިނގައިދިޔަ މާރާމާރީއެއްގެ ބަދަލު ހިފުމެއްގެ ގޮތުން ހިންގާފައިވާ މާރާމާރީއެއްކަން ފާހަގަކުރެވިފައިވޭ،" ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ، ޒަޔާން އަށް ހަމަލާ ދިނުމުގެ ކުރިން އިތުރު މީހަކަށްވެސް ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ. އަދި ޒަޔާންއަށް ހަމަލާދިން މީހުން އޭނާ ދިރިއުޅޭ ގެއަށް، އެރޭގެ މެންދަމުގެ ވަގުތެއްގައި ވަދެ ފިލާ ތިބި ކަމަށާއި ޒަޔާންއަށް ހަމަލާދީފައިވަނީ އެގޭގެ ސިޓިންރޫމްގައި ހުއްޓައި ކަމަށެވެ.

އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާއަށް ހަމަލާ ދިނުމުން އެހީއަށް އެދި އެ ގޭގެ ފުރަތަމަ ފްލޯއަށް އެރި ވަގުތު ހަށިގަނޑުން ވަރު ދޫވެ ތަޅުންގަނޑު މައްޗަށް ޒަޔާން ވެއްޓުނު ކަމަށް ސާމިހު ވިދާޅުވިއެވެ. އަދި ފުލުހުން ސީންއަށް އެންޑުވި އިރު، އާއިލާގެ މީހުން ކައިރީގައި ތިބި ކަމަށާއި މަރުވުމުގެ ކުރިން އޭނާއަށް ހަމަލާދިނީ ކޮން ބައެއްކަން ޒަޔާން ކިޔާދީފައިވާ ކަމަށް ސާމިހް ވިދާޅުވިއެވެ.

ސާމިހް އިތުރަށް ވިދާޅުވީ، ޒަޔާންއަށް ހަމަލާދިން ތަކެތި ނައްތާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހަތަރު ކުއްޖެއްގެ މައްޗަށް ދައުވާ ވަނީ އުފުލައިފައެވެ. އެގޮތުން ޒަޔާން މަރާލި މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

އަދި އުމުރުން 18 އަހަރު ނުފުރޭ އިތުރު ތިން ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތަރު ކުދިންނާއި ހަތް މީހަކު ހިމެނޭހެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވެއެވެ.