ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބް ހަސަން ޒަކަރިއްޔާ ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، އާދިއްތަ ދުވަހު ފަނޑިޔާރު ޝުއައިބު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން ނިންމީ އޭނާ އަމިއްލައަށް އެގޮތަށް އެދިވަޑައިގަތުމުން ކަމަށެވެ.

އެ ކޮމިޝަނުން މިއަދު ބުނީ އޭނާ މަގާމުން ރިޓަޔާ ކުރައްވަން ނިންމެވީ "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު" ގެ ދަށުން އަމިއްލައަށް އެދިލައްވައިގެން ކަމަށެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޝުއައިބު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 1999 އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. ފަނޑިޔާރު ޝުއައިބު ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ.

މަގާމުން މުސްކުޅިކުރައްވަން ނިންމެވިއިރު ފަނޑިޔާރު ކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ފަނޑިޔާރު ޝުއައިބު ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.