ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ސާފު ގެއްލުން ލިބިފައިވާކަން އެ ކުންފުނީގެ ހާއްސަ އޮޑިޓުން ދައްކައިފިއެވެ.
ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގައި މިފްކޯއިން 2016 އިން 2021 އަށް އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން, އެ މުއްދަތުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސް ގަތުމަށާއި އުފެއްދުމަށް ސީދާ ހިންގި ހަރަދަށް 7.1 ބިލިއަން ރުފިޔާ ހަރަދުވި ކަމަށް ދައްކައެވެ.
ނަތީޖާއެއްގެ ގޮތުން އެ މުއްދަތުގެ ތެރޭގައި ޖުމުލަ 250 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. އަދި އޭގެ ތެރެއަށް ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުތައް ކެނޑުމުން ލިބުނު ސާފު ގެއްލުން އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިފްކޯއަށް ގެއްލުންވަމުން ދިއުމުގެ މައިގަނޑު ސަބަބުތަކަކީ:
- ބޭރުގެ މާކެޓަށް މަސް ވިއްކެން ހުންނަ އަގަށްވުރެ ބޮޑު އަގެއްގައި މަސް ގަންނަ ރޭޓު ކަނޑައެޅުން
- ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވުން
- އެކްސްޕޯޓްކުރާ މަހުގެ ޝިޕްމަންޓުގައި ހުންނަ މަހުން ބައެއް ރިޖެކްޓުކުރުން
- މަހުގެ ސައިޒާއި ބާވަތް ތަފާތުވުމުން ކުންފުންޏަށް ލިބެންވާ އާމްދަނީ ގެއްލުން
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން 2016 އިން 2021 ގެ ނިޔަލަށް މިފްކޯއިން އެކްސްޕޯޓްކުރި މަހުގެ ޝިޕްމެންޓުތަކުގެ ތެރެއިން އޮޑިޓުން ބެލި 394 ޝިޕްމެންޓުގައި ހިމެނޭ މަހުގެ ބާވަތްތަކާއި ސައިޒް ތަފާތުވުމުންނާއި އަދި މަހުގެ ކޮލިޓީ ދަށްވެ ރިޖެކްޓް ކުރުމުގެ ސަބަބުން ޖުމުލަ 290 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އެއީ އެވްރެޖްކޮށް އަހަރަކަށް 48 މިލިއަން ރުފިޔާއެވެ. އަދި މަސް ވިއްކި އަގުން ބަލާ އިރު, އެއީ ހަ ޕަސެންޓުގެ ގެއްލުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު