ޓެކާސް މޯލްޑިވްސްގެ، ޓެކާސް ރިސޯޓް ކަޕްގެ ކ. އަތޮޅު އުތުރު ބިތުގެ ރިސޯޓުތައް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން ބަރޮސް މޯލްޑިވްސް ހޯދައިފިއެވެ.

ޓެކާސް ރިސޯޓް ކަޕްގެ ކ، އަތޮޅު އުތުރު ބިތުގެ މުބާރާތް ހޯސްޓް ކޮށްފައި ވަނީ ފަރި އައިލެންޑްސްގައެވެ. ބަރޮސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ފަރި އައިލެންޑްގައި ކުޅުނު ފައިނަލް މެޗުގައި 3-1 އިން ރިޓްޒް-ކާލްޓަން މޯލްޑިވްސް ބަލިކޮށްގެންނެވެ.

ފައިނަލް މެޗު ފޯރިގަދަކޮށް ދިޔަ އިރު، ފުރަތަމަ ހާފުގައި ބަރޮސްއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް މެޗުގައި ގޯލު ހުޅުވާދިނީ ޓީމުގެ ތަރި އިބްރާހީމް ސައީދުގެ ގޯލުންނެވެ. ދެވަނަ ހާފަށް ނުކުމެ ރިޓްޒް-ކާލްޓަންއިން ކުޅުން ރަނގަޅުކޮށް، މުބާރާތުގެ ޓޮޕް ސްކޯރާ ސިމްހާދު އިބްރާހީމް ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

އެ އުންމީދާ އެކު މެޗުން މޮޅުވާން ރިޓްޒް-ކާލްޓަންއިން މަސައްކަތް ކުރި ނަމަވެސް ހުސަައިން ވިފާގު ތަފާތު ދައްކައި، ބަރޮސްގެ އަނެއް ދެ ގޯލު ޖަހައި އެޓީމަށް ތަށި ޔަގީންކޮށްދިނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ވިފާގެވެ. އަދި އޭނާއަކީ މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ހަތަރު މެޗުން 13 ގޯލު ޖެހި ރިޓްޒް-ކާލްޓަންގެ ސިމްހާދެވެ.

  • އިބްރާހީމް އަފްލާހް - ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސް
  • އިބްރާހީމް ސައީދު - ބަރޮސް މޯލްޑިވްސް
  • ހުސައިން ޝަހުޒާން - ބަރޮސް މޯލްޑިވްސް
  • ސިމްހާދު އިބްރާހީމް - ރިޓްޒް-ކާލްޓަން މޯލްޑިވްސް
  • އައިސާން ޖަމްސީދު - ރިޓްޒް-ކާލްޓަން މޯލްޑިވްސް

ޓެކާސްއިން ވަނީ ރިސޯޓު ފުޓްސަލް މުބާރާތުގެ ފުރަތަމަ މުބާރާތް، ކ. އަތޮޅު ދެކުނު ބިތުގެ މުބާރާތްވެސް މިމަހުގެ ތެރޭގައި ކާމިޔާބުކަމާ އެކު ނިންމާލައިފައެވެ. ކ. އަތޮޅު ދެކުނު މުބާރާތުގައި ޖުމުލަ 12 ޓީމަކުން ވާދަކޮށްފައިވެއެވެ. އެ މުބާރާތް ކްރޮސް ރޯޑްސްގައި ހޯސްޓް ކުރި އިރު، ޗެމްޕިއަންކަން ނެގީ އޮޒެން-ލައިފް މާދޫއެވެ.

ޓެކާސް ރިސޯޓް ކަޕްގައި ރިސޯޓްތައް ތަމްސީލު ކުރެވޭނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ފައިނަލްވެސް ކުޅޭނީ ކްރޮސްރޯޑްސްގައެވެ. މުބާރާތުގެ ސައުތު ކާފު އަތޮޅުގެ މެޗުތަކަށް ފަހު ދެން އޮންނާނީ ނޯތު ކާފު އަތޮޅުގެ މެޗުތަކެވެ. އެ މެޗުތައް މިމަހުގެ ތެރޭގައި ފަށާއިރު، މެޗްތައް އޮންނާނީ ފަރި އައިލެންޑްސް ރިސޯޓްގައެވެ.

ޓެކާސް ރިސޯޓް ކަޕްގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.