މާލޭގައި މިއަދު ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ކުޅުނު އަންހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުން އީރާންގެ ސާރާ އަމީނިއަން ބަލިކޮށް ރާއްޖޭގެ އައިމިނަތު ނަބީހާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި އިރު، ފިރިހެން ސިންގަލްސް މެއިން ޑްރޯގެ ފުރަތަމަ ބުރުގައި ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ނިކޮލޮސް ބޮންކޯވްސްކީ ބަލިކޮށް، ރާއްޖޭގެ ނިބާލް އަހުމަދުވެސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރާއްޖޭގައި މިއަދު ފެށި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ ކޮވިޑް 19 އަށްފަހު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖަކީ މީގެ ކުރިންވެސް ރާއްޖޭގައި އެކި ފަހަރު މަތިން ހޯސްޓް ކޮށްފައިވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ގާތްގަނޑަކަށް 28 ގައުމެއްގެ 200 އެތުލީޓުން ވާދަކުރާ އިރު، ރާއްޖޭގެ 30 އަކަށް ކުޅުންތެރިން އެކިއެކި އިވެންޓްތަކުގައި ވާދަކުރާނެއެވެ.

މުބާރާތް މިއަދު ހެނދުނު ފެށި އިރު، މުބާރާތް ފައްޓަވައިދެއްވީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިއަދު ހެނދުނު ފިރިހެން ސިންގަލްސްގެ ކޮލިފިކޭޝަން މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، ފުރަތަމަ ހަތަރު މެޗުގައިވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރިއެވެ. ފުރަތަމަ މެޗުގައި ނަޝީއު ޝަރަފުއްދީން 21-10 އަދި 21-14 އިން ބަލިވީ އިންޑިއާގެ ބާވެޝް ޕަންޑޭ އަތުންނެވެ. ކޮލިފިކޭޝަންގައި ރާއްޖޭގެ މުހައްމަދު ރަފާހް ބަލިވީ ޖަޕާނުގެ ޓަކޫމާ ކަަވަމޯޓޯ އަތުންނެވެ. އެ މެޗުގެ ސެޓުތައް ކަވަމޯޓޯ ގެންދިޔައީ 21-5، 21-2 އިންނެވެ.

ރާއްޖޭގެ އުދައިޝް އަހުމަދު ޝަރީފާއި އަޒްހަރު މުހައްމަދު އައްޔޫބު ކުޅުނު ކޮލިފިކޭޝަން މެޗުތަކުން ބަލިވީ ސްރީ ލަންކާ އާއި އިންޑިއާ ކުޅުންތެރިން އަތުންނެވެ. އުދައިޝް ބަލިވީ ލަންކާ ޗަމަތު ޑިއާސް އަތުން 21-3، 21-14 އިންނެވެ. އައްޔޫބު ބަލިވީ އިންޑިއާގެ ބަޓަޗަރުޖީ އަތުން 21-4، 21-6 އިންނެވެ.

އޭގެ އިތުރުންވެސް ކޮލިފިކޭޝަންގައި ކުޅުނު ރާއްޖޭގެ އަބްދުއްރަޝީދު އަސީލް، އަހުމަދު ޑެނިއަލް އަޝްރަފު، މުނައިދު މަތުލޫބް، މާއިލު ފަތުހުﷲ އިސްމާއީލަށްވެސް ކުރިމަތިވީ ނާކާމިޔާބީއާއެވެ. އޭގެ ތެރެއިން އަސީލް ފިޔަވާ ދެން ތިބި ކުޅުންތެރިން ބަލިވީ އިންޑިއާގެ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ. އަސީލް ބަލިވީ ތައިލެންޑް ކުޅުންތެރިޔަކާ ވާދަކޮށްގެންނެވެ.

އަންހެން އިވެންޓްގެ ގަދަ 64 ގެ ބުރު (ފުރަތަމަ ބުރު) ގައި ކުޅުނު މެޗުތަކަށް ބަލާއިރު، ޝައިބާ ޝަރީފާއި ޝުބާ ޝަރީފް، އައިޝަތު އަފްނާން ރަޝީދު، ސަމްރާ ހައިކަލްގެ މެޗުތަކުންވީ ބައްޔެވެ. ޝައިބާ ބަލިވީ އިންޑިއާގެ ސްނޭހާ ރަޖްވާ އަތުން 21-8 އަދި 21-5 އިންނެވެ. ޝުބާ ކުޅުނު މެޗުގައި ލަންކާގެ ރަޝްމީ މުޑަލީގެ އަތުން ބަލިވީ 21-4، 21-2 އިންނެވެ.

އަފްނާން ބަލިވީ މެލޭޝިއާގެ އަމާންޑާ ވާ ލެންގް ޔަޕް އަތުންނެވެ. މެޗުގެ ސެޓުތައް ޔަޕް ގެންދިޔައީ 14-21، 6-21 އިންނެވެ. ސަމްރާ އިންޑިއާގެ އަކްޝަޔާ އަރުގަމް ކައިރީ ބަލިވީ 4-21، 0-21 އިންނެވެ.

އެބުރު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިޔައީ ނަބީހާއެވެ. ނަބީހާ ދެވަނަ ބުރަށް ދިޔައީ އީރާންގެ އަމީނިއަން ކައިރިން 21-17، 23-21 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިއަދު މެންދުރު ފަހު ފިރިހެން ސިންގަލްސް ފުރަތަމަ ބުރު (ގަދަ 64ގެ ބުރު) ކުރިއަށް ގޮސްފައިވާ އިރު، ރާއްޖެއިން ވާދަކުރި އިބްރާހީމް އަލީ ހައިޝަމް، މުހައްމަދު ސާލިމް، ނާބިތު އިބްރާހީމާއި ޒަޔާން ޒަކީ، އިބްރާހީމް ރަބީތު، ސާދިން ޖަލީލްގެ އިތުރުން މުހައްމަދު އަޖުފާން ރަޝީދާއި ޒަޔާން ޝަހީދު އަދި ރިޝްވާން ޝިޔާމަށާއި އަބްދުލް ލަތީފް ގާސިމް ލިޔާހަށްވެސް ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އަޖުފާން ބަލިވީ އިންޑިއާގެ ބަވޭޝް ޕާންޑޭ އަތުން 21-8، 21-8 އިންނެވެ. ޒަޔާން މޮރިޝަސްގެ ޖޫލިއަން ޕައުލް އަތުން ބަލިވީ 10-21، 12-21 އިންނެވެ. ތޯއިފަށް ނާކާމިޔާބީއާ ކުރިމަތިވީ އިންޑިއާގެ ރަޖަސޭކަރަން އާ ވާދަކޮށްގެންނެވެ. ތޯއިފް އަތުން މެޗުގެ ސެޓްތައް ދިޔައީ 12-21، 13-21 އިންނެވެ.

ފިރިހެން ސިންގަލްސް ދެވަނަ ބުރަށް ދިޔައީ ނިބާލާއި މުހައްމަދު އާކިފެވެ. ނިބާލް ދެވަނަ ބުރަށް ދިޔައީ ބޮންކޯސްކީ ކައިރީ 21-9، 21-15 އިން ސެޓުތައް ގެންގޮސްގެންނެވެ. އާކިފާ ފުރަތަމަ ބުރުގައި ޖެހުނީ ރާއްޖޭގެ ލިޔާހެވެ. އާކިފް މެޗުން މޮޅުވީ 21-6، 21-7 އިންނެވެ.

މުބާރާތުގެ ސިންގަލްސް މެޗުތައް މާދަމާވެސް ކުރިއަށްދާ ގެންއިރު، މާދަމާ މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސްގެ މެޗުތައްވެސް ފަށާނެއެވެ.