މިއަދު ރާއްޖޭގައި ފެށި ލިނަން އިންޓަނޭޝަނަލް މޯލްޑިވްސް ޗެލެންޖް 2022ގައި ދިވެހި ހުރިހާ ކުޅުންތެރިންނަށްވެސް ބޭނުންވަނީ ރައްޔިތުންގެ ތަރުހީބު ކަމަށް އެ ކުޅުންތެރިން ބުނެފިއެވެ.

މުބާރާތް އިއުލާނުކޮށް، ރަސްމީކޮށް ނޫސްވެރިންނާ ވާހަކަދެއްކުމަށް އިއްޔެ ވަނީ ހާއްސަ ޕްރެސްއެއް ބާއްވައިފައެވެ. ޒުވާނުންގެ މަރުކަޒުގައި އިއްޔެ ބޭއްވި ޕްރެސްގައި ބައިވެރިވި ކުޅުންތެރިންނަކީ ސީނިއާ ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ނަބާހާ (ނަބާ) އާއި ނިބާލް އަހުމަދެވެ.

"ދުވަސްތަކަކަށްފަހު ރާއްޖޭގައި މިކަހަލަ މުބާރާތެއް މި ބާއްވަނީ. ރާއްޖޭގެ ކްރައުޑެއް ކުރިމަތީގައި ކޮމްޕީޓްކުރަން މިގޮތަށް ލިބޭތީ ވަރަށް ހިތްހަމަޖެހޭ. ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ސަޕޯޓެއް ލިބިއްޖިއްޔާ ވަރަށް ބޮޑު އުފަލަކަށްވާނެ. މިހާރުގެ ޓާގެޓަކީ މި ފެންވަރުގެ މުބާރާތެއްގެ ޕޯޑިއަމް ފިނިޝްއަކަށް ދާން. ކުރިންވެސް (އައިއޯއައިޖީ) އިން ރަން މެޑަލްވެސް ހޯދިފަ އޮތީ. އެހެންވީމަ މި މުބާރާތް މުހިންމު،" ނަބާ ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ ހުރިހާ ބައްރަކުން ކަހަލަ ގޮތަކަށް ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އެގޮތުން 25 ގައުމެއްގެ 200 އަށްވުރެ ގިނަ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ 30 ވަރަކަށް ކުޅުންތެރިން ވާދަކުރާނެއެވެ. އެ ހުރިހާ ކުޅުންތެރިންނަށްވެސް ބޭނުންވަނީ ރައްޔިތުންގެ ހިތްވަރު ކަމަށް ނަބާ ބުންޏެވެ.

"އައިއޯއައިޖީއަކީ އެންމެ ފަހުން ރާއްޖެ އެންމެ ފޯރިގަދަކޮށް ބައިވެރިވި ޓީމެއްގެ ގޮތުގައި ބައިވެރިވި މުބާރާތް، އެތަނުގައި ފެނޭ އަސްލު މޮރިޝަސްގެ ރައްޔިތުން އެތަނަށް ގޮސް މީހުންނަށް ކުރި ސަޕޯޓް. އެ އިހުސާސް އަޅުގަނޑުމެންވެސް ބޭނުންވޭ. ދިވެހިރާއްޖޭގެ ރައްޔިތުން އައިސް އަޅުގަނޑުމެންނަށް ސަޕޯޓްކުރަން. ދިވެހި ކުދިންގެ ނަން ގޮވާ އަޑު އިވެން ބޭނުން، ގައުމީ ސީނިއާ ޓީމު ނޫނަސް، ޖޫނިއާ ޓީމުގައިވެސް މި ތިބޭ ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށް ވާނީ އެގޮތަށް ސަޕޯޓުކުރުން. ބޭރު ގައުމުގަ ކުޅުމާ އަމިއްލަ ގައުމުގަ ކުޅުމުގެ ތަފާތު އިހުސާސް ކުރެވޭ ވަރުގެ ސަޕޯޓެއް ބޭނުން،" ނަބާ ބުންޏެވެ.

ރާއްޖެއިން ސީނިއާ ކުޅުންތެރިންގެ އިތުރުން ޖޫނިއާ ޕޫލެއްގެ ކުޅުންތެރިންވެސް މި މުބާރާތުގައި ވާދަކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިއްޔެ ވިދާޅުވިއެވެ.

މުބާރާތުން ފަހިވީ ނިބާލަށްވެސް ރަނގަޅު ފުރުސަތެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޕެރިސް 2024 ސްކޮލަޝިޕްގެ ދަށުން ޔޫއޭއީގައި ޓްރެއިނިން ހަދަމުން އަންނަ ނިބާލް ބުނީ ގިނަ މުބާރާތްތަކެއް ކުޅެން ލިބުން އެއީ މުހިންމު ކަމެއް ކަމަށެވެ.

"ނިބާލް ރާއްޖޭން ބޭރުގައި ޓްރެއިނިން ހަދާތާ މިހާރު ފަހެއް ނޫނީ ހަމަސް ވާނީ. ދެން، މި މުބާރާތަށް އަންނައިރުގައި އަސްލު ކޮމަންވެލްތް ލައިގެން އިންޓަނޭޝަނަލް ދެ މުބާރާތް ކުޅެފިން. އެހެންވީމަ މި މުބާރާތުގައި މެއިން ޑްރޯ މިކުޅެނީ. ޓްރެއިނިން އަށްފަހު ރަނގަޅު ނަތީޖާއެއް ނެރެން ނިބާލްގެ ޕާސަނަލް ޓާގެޓަކީވެސް،" ނިބާލް ބުންޏެވެ.

މުބާރާތުގެ ކޮލިފިކޭޝަން މިއަދު ފަށާފައިވާ އިރު، ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއްގެ މެޗުތައްވެސް މިއަދު އޮންނާނެއެވެ.