މިއަދު ފެށި ބެޑްމިންޓަންގެ ބައިނަލްއަގުވާމީ މުބާރާތް، ލިނަން މޯލްޑިވްސް ޗެލެންޖްގައި 25 އަށްވުރެ ގިނަ ގައުމަކުން 200 އަށްވުރެ ގިނަ ކުޅުންތެރިން ކުޅޭނެއެވެ. ރާއްޖޭގެ ބެޑްމިންޓަނުގައި ކުރިންވެސް ބާއްވަމުން އައި އިންޓަނޭޝަނަލް ޗެލެންޖް، ފަހަކަށް އައިސް ވީ ޗެލެންޖިން ކަމަކަށްވެސް މެއެވެ. ދުނިޔޭގެ ހާލަތު ބަދަލުވެ، އުނދަގޫތަކެއް ދިމާވި ނަމަވެސް، ޔޫތު މިނިސްޓްރީއާއި ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެން އަނެއްކާވެސް ބެޑްމިންޓަންގެ ބައިނަލްއަގުވާމީ މުބާރާތް ރާއްޖެއަށް ހަމަޔަށް ގެނެސްދީފިއެވެ.

މުބާރާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ އޮލިމްޕިކް ސައިކަލްގެ ތެރޭގައި ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.

"ރާއްޖޭން ބޭރުގެ ފެންވަރު ރަނގަޅު ކުޅުންތެރިންނާއެކު ކުޅެން ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތު ދިނުން އެންމެ ބޮޑު އެއް މަގުސަދަކީ. ދެވަނަ ކަމަކަށް، ރާއްޖޭގައި މިހާރު ބެޑްމިންޓަންގެ ޕޮޕިއުލާރިޓީ އިތުރުވަމުން އަންނަ މިންވަރު، ނިސްބަތް އިތުރުކުރުން އެއީ މުހިއްމު ކަމެއް. މިހާރު އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ގޮތުގަ ރާއްޖޭގެ ހުރިހާ ހިސާބެއްގަހެން ބެޑްމިންޓަން އެބަކުޅޭ. ކުޅޭ ކުޅުންތެރިން އެބަތިބި. މި ލެވެލްގެ މުބާރާތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން އައިސް ވާދަކުރަމުންދާތަން ފެނުމަކީ ދިވެހި ބެޑްމިންޓަން ކޮމިއުނިޓީއަށް ލިބޭ އެންހޭސްމަންޓެއް، ކުރިއެރުމެއް. ބެޑްމިންޓަންގެ ޕޮޕިއުލާރިޓީ އިތުރުވެގެންދާނެ ކަމެއް،" ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ.

މޫސަ އިއްޔެ ވަނީ ރާއްޖޭގެ ބެޑްމިންޓަންގެ މިސްރާބު ބަދަލުވި ބަދަލުވުންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން މިހާރު އިންޓަނޭޝަނަލް ލެވެލްގައި "ބައިވެރިވެލަން" ކުޅޭ ކުޅިވަރަކަށް ބެޑްމިންޓަން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ،

"އަޅުގަނޑުމެންގެ ކުޅުންތެރިން މިހާރު ބައިވެރިވާ މުބާރާތްތަކުގަ ހަމަ ރަނގަޅު ހިސާބަކަށް ދަތުރުކޮށް މޮޅެތި ކުޅުންތެރިން އަތުން މޮޅުވެ، ޕޯޑިއަމް ފިނިޝްއަކާ ހަމައަށް އެބަދެވޭ. ކުރިން އަޅުގަނޑުމެން މިސްރާބު ހިފީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް. މިހާރު އޭގެ އިތުރުން ބައިނަލްއަގުވާމީ ލެވެލްގަ ކަލަންޑަރު ކުރެވިފަ ހުންނަ ލެވެލްގެ މުބާރާތްތަކުގަ ނަތީޖާ ނެރެން. މިއީ އޮލިމްޕިކްސްއަށް އިތުރު ދޮރުތަކެއް ހުޅެވޭތޯ ކުރާ މަސައްކަތެއް،" އެސޯސިއޭޝަންގެ ރައީސް ކަމުގައި ތިންވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ ބެޑްމިންޓަނަށް ފަހަކަށް އައިސް ކާމިޔާބީތައް އިތުރުވެއްޖެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ކާމިޔާބީއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖޯ)ގައި ރަން މެޑަލް ހޯދުމެވެ. އޭގެ އިތުރުންވެސް ބީޑަބްލިއުއެފްގެ ބަލައިގަންނަ މުބާރާތްތަކުގައިވެސް ކުޅުން ރަނގަޅުކުރަމުން އަންނަ އިރު، މޫސަގެ ނަޒަރުގައި ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތުން މެޑެއްޔެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބުރައެވެ.

އެއީ ރާއްޖޭގައި އޮންނަ މުބާރާތަކީވެސް ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ބަލައިގަންނަ މުބާރާތެއް ކަމަށްވުމާއެކު، މުބާރާތަށް އަންނަނީ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރީން ކަމަށް ވާތީއެވެ.

މިއަދު ފަށާފައިވާ އިންޓަނޭޝަނަލް ޗެލެންޖުގައި ޖުމުލަ 30 ވަރަކަށް ދިވެހި ކުޅުންތެރިން ވާދަކުރާނެއެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ވާދަކުރާނީ ކޮލިފިކޭޝަންގައެވެ. މެއިން ޑްރޯގައި ސީޑް ކުރެވިގެން ވާދަކުރާނީ އަންހެން ޑަބަލްސްގައި ވާދަކުރާ އައިމިނަތު ނަބީހާ އަބްދުލްރައްޒާގާއި ފާތިމަތު ނަބާހާ އަބްދުލްރައްޒާގުގެ ޕެއާ އަދި މިކްސް ޑަބަލްސްގައި ވާދަކުރާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބީހާގެ ޕެއާއެވެ.