ޚަބަރު

ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނެގުމުން 23،600 ރުފިޔާގެ ޖޫރިމަނާއެއް!

އަލީ ޔާމިން

ދެހާސް ސޯޅަވަނަ އަހަރު ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރި ފަޅާލައި ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހަކު 23،600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރި ފަޅާލައި ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ދުވަހުގެ 00:20 ހާއިރުއެވެ.

މިގޮތުން، އެ ރޭ ދަންވަރު އެ ސުކޫލުގެ ޕްރިންސިޕަލް އިންނަވާ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު، ކަށިގަނޑަކުން މަތާލައި، އެއަށްފަހު ދަގަނޑެއް ބޭނުންކޮށްގެން ކުޑަދޮރުގެ ދަގަނޑުތައް މަތާލުމަށް ފަހު، އެ ކޮޓަރިއަށް ވަދެ، އެ ސުކޫލުގެ ތިޖޫރި ހަލާކުކޮށްލައިގެން 199،090 (އެއް ލައްކަ ނުވަދިހަ ނުވަ ހާސް، ނުވަދިހަ) ރުފިޔާ ވަގަށް ނަގާފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ، ނިލަންދޫ، ދިހްޝާނާވިލާ، އަލީ ޝާކިރާއި ހަމަ އެރަށު ފޫޅުމާގޭ، ޝިމާއު އަހުމަދެވެ. އެ ދެމީހުންގެ މައްޗަށް ވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާކޮށްފައެވެ.

އެ މައްސަލައިގައި ހިމެނޭ ޝިމާއުގެ މައްސަލަ ކުރިއަށްގެންދަނިީ ވަކިންނެވެ. މައްސަލައިގައި ދެން ހިމެނޭ އަލީ ޝާކިރު ވަނީ ތިން ދައުވާއަށްވެސް އިއުތިރާފުވެފައެވެ. އެހެންވެ އެ ތިން ދައުވާގެ އަޑުއެހުންތައް ކުރިއަށްގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

އެ މައްސަލައިގައި ގާޒީ މުހައްމަދު މިސްބާހް އިއްޔެ ހުކުމް ކުރެއްވީ، ޝާކިރު ހަތަރު މަހާއި 26 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އެ ޖަލު ހުކުމް ވަނީ، 23،600 ރުފިޔާގެ ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށް އެ ފައިސާ ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.

ވައްކަމުގެ މައްސަލައިގެ އިތުރުން މުދަލަށް ގެއްލުންދިން މައްސަލައިގައި ޝާކިރުގެ މައްޗަށް ވަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެ ހުކުމް 10،800 ރުފިޔާއިން ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަން މައްސަލައިގައި ޝާކިރު މައްޗަށް އިއްވީ، 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ވަނީ 5،400 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކޮށް އެފައިސާ މަހެއްގެ ތެރޭގަައި މީރާއަށް ދެއްކުމަށް ހުކުމްކޮށްފައެވެ.