އެންމެ ފަހުގެ އައިފޯން 14 ނެރުނު ފަހުން އެޕަލްއަށް އަދި ހަމަ ނޭވާ ލެވޭވަރެއް ނުވެއެވެ. ފުރަތަމަ ދިމާވީ ކެމަރާ ހުޅުވުމުން ފޮޓޯ ވެއްޓޭ މައްސަލައެެވެ. އެޕަލްގެ އައިފޯން 14 ގެ ތަފާތު މޮޑެލްތަކެއް ނެރުނު ނަމަވެސް ގިނައިން ވިކެނީ 14 ޕުރޯ މޮޑެލްގެ ފޯނުތަކެވެ. އެހެން ނަމަވެސް ވިކޭ ފޯނުތަކުގައިވެސް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ބަގްތައް (މައްސަލަ) ތައް ހުރުމުން ފޯނު ގަންނަ މީހުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އެގޮތުން އެޕަލްއިން ދާދި ފަހުން މިވަނީ ނެޓްވޯކް ރޭންޖަށް އަސަރުކުރާ އިތުރު މައްސަލައެއް ވެސް ފޯނުގައި ހުރިކަން ކަށަވަރުކޮށްދީފަ އެވެ.
އެޕަލްގެ އޮތަރައިޒް ރީޓެއިލް ވިޔަފާރިވެރިންނަށް ފޮނުވި މެމޯއެއްގައި، އެޕަލްއިން ވަނީ ސިމްޓުރޭ ހުންނަ އައިފޯން 14 މޮޑެލްތަކުގައި "ސިމް ނޮޓް ސަޕޯޓެޑް" މެސެޖެއް ދައްކާއިރު، އެއަށްފަހު ފޯނުތައް ފްރީޒްވެ، ފޯނު ރީސެޓް ކުރުމުން ނޫނީ މި މައްސަލަ ހައްލު ނުވާކަމަށް ބުނެފައެވެ. އެ މެމޯގައި އެޕަލް އިން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދިވެސް ހައްލެއް ހޯދުމަށް ކުޑަ އިންތިޒާރެއް ކުރަން ޖެހިދާނެ ކަމަށެވެ. އެ މައްސަލައަކީ ހާޑްވެއާއާ ގުޅުން ހުރި މައްސަލައެއް ނޫންކަމަށްވެސް ކުންފުނިން ކަށަވަރުކޮށްދީފައި ވެއެވެ. މާނައަކީ ސޮފްޓްވެއާ މެދުވެރިކޮށް އެކަން ރަނގަޅު ކުރެވޭނެ ކަމަށާއި އައިފޯން 14ގެ މޮޑެލްތައް ގަނެފައިވާ ފަރާތްތަކަށް ފޯނު ބަދަލުކޮށްދޭން ނުޖެހޭ ކަމަށްވަނީ އަންގާފައެވެ. މި މައްސަލަ ދިމާވާ ގިނަ މީހުން ފޯނު ރީސެޓް ކުރަމުންދާތީ އެޕަލްއިން ވަނީ އާ ފޯނުތައް ހާޑް ރީސެޓް ނުކުރުމަށާއި ސޮފްޓްވެއަރ އަޕްޑޭޓެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އަންގާފައެވެ.
މި މައްސަލައަކީ ހަމައެކަނި އީސިމް ލައްވާ ފޯނުތަކަށް ދިމާވާ މައްސަލައެއްތޯ ނުވަތަ ސިމް ޓުރޭ ހުންނަ އަދި އީސިމް ވެސް ބޭނުން ކުރެވޭ ފޯނުތަކާ ގުޅުމެއް ނެތް ސޮފްޓްވެއާ ބަގެއްތޯ މުޅިން ސާފުވާ ގޮތެއް އަދި ނުވެއެވެ. މިވަގުތު މި މައްސަލަ ބޮޑަށް ދިމާވެފައިވަނީ އެމެރިކާގައި ވިއްކާ އައިފޯން މޮޑެލްތަކުގައި ފިޒިކަލް ސިމް ކާޑު ނުހުންނަ ފޯނުތަކަށެވެ.
އައިފޯން 14ގައި މި މައްސަލަ ޖެހި ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ އިރު އައިމެސެޖް އަދި ފޭސްޓައިމް އޮތެންޓިކޭޝަން މައްސަލައާއި ފޯނުގައި ހުންނަ ފައިލްތައް އެހެން ފޯނަކަށް ބަދަލު ކުރުމުގައި ދިމާވާ މައްސަލައާއި ކުއްލިއަކަށް ފޯނު ނިވިފައި ހުޅުވޭ މައްސަލައިގެ އިތުރުން އައިއޯއެސް 16 އަށް އަޕްޑޭޓް ކުރާ ކުރީގެ ފޯނުތަކަށްވެސް އެކި އެކި މައްސަލަ ދަނީ ދިމާވަމުންނެވެ.
މި ހުރިހާ މައްސަލަތެއް ހުރުމުން އެޕަލްގެ ފަހުގެ އައިފޯން 14 ގަތުމަށް ކެތްމަދުވެފައި ތިބި ފަރާތްތަކަށް މި މައްސަލަތައް ހައްލު ކުރެވެންދެން އާފޯނެއް ނުގަނެ މަޑު ކޮށްލުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި