މާރާމާރީއެއްގެ މައްސަލައެއްގައި، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހެއްގެ އަތުގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މާރާމާރީއެއް ހިންގި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ސުވާސާގޭ އާމިނަތު އަމްނާ ސައީދު 18އ އެވެ.

އަމްނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހެނދުނު ހާޒިރުކުރުމުން އޭނާ ވަނީ، ފުލުހެއްގެ ގައިގައި ދަތް އެޅުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފައެވެ.

ފުލުހުންގެ ފަރާތުން ހުށަހެޅި ކަންތައްތަކާއި އަމްނާގެ ފަރާތުން ފާހަގަކުރި ކަންކަަމަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އަމްނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަމްނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ހެކި ހުށަހަޅައިފައެވެ. އެގޮތުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ.