ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން 95 ޕަސެންޓަށްވުރެ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް ރައީސް ވައުދުވެވަޑައިގެންނެވި މަޝްރޫއުތަކުގެ ތެރެއިން 95 ޕަސެންޓަށްވުރެ ގިނަ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރާ ސުވާލު ކުރައްވަމުން މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ، މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރެއްވުމަށް، ބިންވެރިކަން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވި 5000 ގޯޗަށް ބޭނުންވާ ބިން ހިއްކުމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި ހިމުނެއްވާނެތޯއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވެސް ގިނަ މަޝްރޫތަކެއް ހިމަނުއްވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ވައުދުފުޅަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅު ކަމަށެވެ.
އެވައުދުފުޅުގެ ދަށުން 5،000 ގޯއްޗަށް ބޭނުންވާ ބިން ހިއްކަން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓްގައި ފައިސާ ހިމަނުއްވާނެ ކަމަށެވެ. އެގޮތުން ގުޅިފަޅު ހިއްކުމަށްވެސް ބޭނުންވާ ލޯނު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މާލޭ ރަށްވެހީންނަށް ހާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވަމުންނެވެ.
ރައީސް ވިދާޅުވެފައިވަނީ އެއީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެ ބިމުން 2000 ގޯތި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު