މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން 5000 ގޯއްޗަށް ބޭނުންވާ ބިން ހިއްކަން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓްގައި ފައިސާ ހިމަނުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާލޭ ރަށްވެހީންނަށް ހާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެއީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެ ބިމުން 2000 ގޯތި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ، މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރެއްވުމަށް، ބިންވެރިކަން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވި 5000 ގޯޗަށް ބޭނުންވާ ބިން ހިއްކުމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި ހިމުނެއްވާނެތޯއެވެ.

އެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެކަމަށް ބޭނުންވާ ފައިސާ 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. އެގޮތުން ގުޅިފަޅު ހިއްކު ހިއްކުމަށްވެސް ބޭނުންވާ ލޯނު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.