އަންނަ އަހަރުގެ ކުރީކޮޅު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ގޫގުލް އިން ތައާރަފުކުރާނެ ކަން އިއުލާންކޮށްފިއެވެ.
ގޫގުލް އިން ފުރަތަމަވެސް ދޭނީ ސިކުންތަކު 5 ޖީބީ އަދި 8 ޖީބީގެ ސުޕީޑް ލިބޭ އިންޓަނެޓްގެ ޚިދުމަތެވެ. މިގޮތުން 5 ޖީބީޕީއެސް މަހު ކުލީގެ ގޮތުން 125 ޑޮލަރު އަދި 8 ޖީބީޕީއެސް އަށް މަހަކަށް 150 ޑޮލަރު ނަގާނެކަމަށްވެސް ވަނީ އިއުލާން ކޮށްފައެވެ. މިއީ އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް އެއްވަރަކަށް ލިބޭނެ ހިދުމަތްތަކަކަށް ވާނެއެވެ. މީގެ އިތުރުން ގޫގުލް އިން މި ޚިދުމަތް ހޯދާ ފަރާތްތަކަށް ވައިފައި ހަވަނަ ޖެނެރޭޝަންގެ ރައުޓަރުތަކާއެކު މުޅި ގޭބިސީއަށް އިންޓަނެޓްގެ ސްޕީޑް ވަރުގަދަކޮށް ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ގޫގުލް ފައިބަރ ކަނެކްޓް ކޮށްދޭ މުވައްޒަފުން ވަނީ 20 ޖީބީޕީއެސް ލިބޭ އިންޓަނެޓްގެ ހިދުމަތް ވެސް މި ދިޔަ ސެޕްޓެމްބަރު މަހު ޓެސްޓް ކޮށްފައެވެ. އެހެން ނަމަވެސް އަންނަ އަހަރު އަދި ދޫކުރާނީ 5 ޖީބީ އާއި 8 ޖބީޕީއެސްގެ ސްޕީޑް ލިބޭ އިންޓަނެޓެވެ. އަވަސް އިންޓަނެޓް ބޭނުންވާ ފަރާތްތަކަށް 20 ޖީބީގެ އަވަސް އިންޓަނެޓް ގޫގުލް އަށް ދެވޭނެކަން ސާފުވެފައިވާ އިރު އެ ސުޕީޑް ލިބޭ ޚިދުމަތް އަދި ނުފަށާތީ ބައެއް މީހުންގެ މާޔޫސްވުންވެސް އެބައޮތެވެ. ނަމަވެސް ގޫގުލް އިން ވަނީ އަޕްލޯޑް އަދި ޑައުންލޯޑް ސުޕީޑް އެއްވަރެއްގައި ލިބޭ 5 ޖީބީ އާއި 8 ޖީބީގެ އިންޓަނެޓަކީ ޚިދުމަތް ހޯދާފަރާތްތަކުން އުފާވާނެ ފަދަ ޚިދުމަތަކަށްވާނެ ކަމަށް ބުނެފައެވެ.
5 ޖީބީ އަދި 8 ޖީބީ ގެ އިންޓަނެޓް ހިދުމަތް 125 ޑޮލަރުގެ މަހުފީއަކަށް ދޫކުރުމާއެކު މިހާރު ބޮޑު އަގުގައި ލިބޭ 1 ޖީބީ ސުޕީޑްގެ އިންޓަނެޓް ހިދުމަތުގެ އަގަށް އަންނާނެ ބަދަލުގެ ވާހަކަވެސް އަންނަނީ ދެކެވެމުންނެވެ. އެހެންކަމުން އެއް ޖީބީޕީއެސްގެ އެންޓްރީ ލެވެލްގެ ޚިދުމަތުގެ އަގު ކިހާ ވަރަކަށް ހެޔޮވެގެންދާނެކަމާ މެދު ވެސް މިހާރު ވަނީ ބަހުސްފެށިފައެވެ. ރާއްޖޭގައި ލިބޭ އާންމު ބުރޯޑްބޭންޑު އިންޓަނެޓްގެ ސުޕީޑް އަދިވެސް އުޅެނީ 5 އެމްބީޕީއެސްގެ ގައެވެ. އެހެން ނަމަވެސް ކުރިން އިންޓަނެޓަށް ދައްކަމުން އައި ބޮޑު އަގަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.