ދުނިޔެ

ޕްރިންސް އެންޑްރޫއާއި ސާރާގެ ކައިވެނި އަލުން ރުޖޫއަކޮށްފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަން އަލުން ޕްރިންސް އެންޑްރޫއާއެކު ކައިވެނީގެ ގޮށްޖައްސަވައިފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ. މިދެބޭފުޅުން 1986 ގައި ކުރެއްވި ކައިވެނި އޭގެ ދިހަ އަހަރުފަހުން 1996 ވަނަ އަހަރު ވަރިޔަކުން ނިމިފައިވިޔަސް ދެބޭފުޅުންވެސް އުޅުއްވަނީ އެއްފުރާޅެއްގެ ދަށުގައެވެ. ވިންސާރ ޕާކުގައިވާ ރޯޔަލް ލޮޖޭ ކިޔުނު ގަނޑުވަރުގައެވެ.

އަލުން ގޮށްޖައްސަވައިފާނުތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ސާރާ ވިދާޅުވެފައިވަނީ ދެމީހުން ތިބީ އެކަކު އަނެކަކަށް ވަރިވެފައި ކަމަށްވިޔަސް އެކަކު އަނެކެއްގެ ކިބައިން ވަރިނުވާ ކަމުގައެވެ. ގުޅުމާއި ކުލުނާއި އަޅާލުން އަދިވެސް ދެމިއެބައޮތް ކަމުގައެވެ. ސުލްހަޔާއި ދެނެގަތުމާއި އިތުބާރުވެސް އެބައޮތްކަމުގައެވެ. އެހެންވީމާ އަލުން ގޮށެއް ޖަހައިލުމަކީ މުސްތަހީލުކަމެއް ނޫންކަމަށާއި ގޮށްޖަހަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭ ކަމަށް ސާރާ ވިދާޅުވިއެވެ.

ރާނީ އެލިޒަބަތުގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރޫއަށް ސާރާގެ ބަނޑުފުޅުން ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ އުމުރުފުޅުން މިހާރު 34 އަހަރު ވެފައިވާ ޕްރިންސެސް ބީޓްރިސް އާއި 32 އަހަރުގެ ޕްރިންސެސް ޔޫޖިނީއެވެ. ޕްރިންސެސް ބީޓްރިސްގެ ފިރިކަލަކީ އިޓަލީގެ ބޭފުޅެކެވެ. ޔޫޖީނީގެ ފިރިކަލަކީ އިނގިރޭސިއެކެވެ. ޕްރިންސް އެންޑްރޫ އާއި ސާރާގެ މި ދެ ބޭފުޅުންނަށްވެސް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ޕްރިންސް އެންޑްރޫއަށް ކާފަ ވިދާޅުވާ ދެ ބޭފުޅަކު އެބަތިއްބެވިއެވެ.

ކާފަ މާމަ ވިދާޅުވާ ބޭފުޅުންނާއެކު ވަރަށްވެސް ހަމަޖެހޭ އުފާވެރި ހަޔާތެއް ވޭތުކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން ސާރާ ވިދާޅުވީ ކަންތައްތައް މިހާރު ހުރީ ރަނގަޅަށް ކަމަށާއި އެއްވެސް ކަމެއް އިތުރަށް ފުރިހަމަ ކުރަންޖެހޭނަމަ އެކަމެއްވެސް ކުރައްވާނޭ ކަމުގައެވެ. ރަނގަޅު ގޮތުގައި ދަރީން ތަރުބިއްޔަތުކޮށް ބަލައި ބޮޑުކުރުމަކީ ކުޑަ ޒިންމާއެއް ނޫންކަމަށާއި އެޒިންމާ އަދާކުރުމުގައި ޕްރިންސް އެންޑްރޫއާއެކު ކުރެވިފައިވާ މަސައްކަތާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ސާރާ ފާގަސަން ވިދާޅުވިއެވެ.