މިހާރު އިމްޕޯޓް ކުރާ ބައެއް ބާވަތްތަކަކީ ރާއްޖޭގައި އުފެއްދޭނެ ބާވަތްތަކެއް ކަމަށާއި އެހެންކަމުން އެތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. ކާށިދޫގައި މިރޭ ބޭއްވި މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިކަމުގެ ބައެއް އުފެއްދުންތައް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފައްދަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ މާކެޓަށް ބޭނުންވާ ވަރަށް އުފެއްދެން ހުރި ބައެއް ދަނޑުވެރިކަމުގެ ބާވަތްތައް، އިމްޕޯޓުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ހިތުން ބައެއް ބާވަތްތައް މިހާރު އިމްޕޯޓު މުޅިންނުކޮށް ފުދޭވަރަށް އުފެއްދޭނެ ބައެއް ބާވަތްތައް އެބަހުރި. އަޅުގަނޑުމެން އެއާ ދޭތެރޭ ވިސްނާ ރާއްޖެއަށް އެތަކެތި އިމްޕޯޓުކުރާ އިރު އޭގެން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ވިސްނުމަކީ އެއީ މިވަގުތު ގެންގުޅެން ޖެހޭ ސިޔާސަތެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ،" ރައީސް ވިދާޅުވިއެވެ.
އެކްސްޕޯޓް އިމްޕޯޓުގެ ކަންކަން ތަރައްގީވެ ކުރިއަރައިގެން ދިޔަ އިރުވެސް އެއްވެސް ގައުމަކަށް ކާނާގެ ރައްކާތެރިކަމުގެ ޔަގީންކަން ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޭނުންވާ ވަރަށް ރާއްޖޭގައި މާކެޓް އެބައޮތް ކަމަށާއި އެއީ ލޯކަލް މާކެޓާއި ޓޫރިޒަމް މާކެޓް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ އުފެދުންތަކަށް މާކެޓް އޮތް ނަމަވެސް ބޭނުންވާ ވަރަށް ނުއުފެއްދޭ ކަމަށެވެ. އަދި އުފެއްދުނު ނަމަވެސް އެތަކެތި ފޯރުކޮށް ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިކަން ކުރަންވާނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައިކަން ފާހަގަކުރައްވައި ރައީސް ވަނީ ސިންގަޕޫރުގައި ދަނޑުވެރިކަން ކުރައްވާ ގޮތުގެ މިސާލު ދައްކައިފައެވެ. ރައީސް ވިދާޅުވީ ސިންގަޕޫރަކީ ބިން ކުޑަ ގައުމެއް ނަމަވެސް އެގައުމުގައި ދަނީ އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދަމުން ކަމަށެވެ.
"މިޒަމާނުގެ ދަނޑުވެރިކަމަކީ ހަމައެކަނި ބޮޑެތި ހުސްބިންތަކުގައި ކުރާ ކަމެއް ނޫން. ޓެކްނޮލޮޖީގެ ބަހުރުވައިގައި ކޮންމެ ތަނަކީ ވެސް ދަނޑުބިމެއް. ކޮންމެ އިމާރާތެއްގެ ފާރަކީ ވެސް ދަނޑެއް. ގޭ ފުރާޅަކީ ވެސް ދަނޑެއް. ސްކޫލްތަކާއި ޕާކްތަކަކީ ވެސް ދަނޑުބިންތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 715 ދަނޑުވެރިއަކާ އެކު އެއްބަސްވުން ގާއިމްކޮށް، އެމީހުން އުފައްދާ ބާވަތްތައް އެގްރޯނެޓުން ގަތުމަށްފަހު ބާޒާރަށް ނެރޭ ކަމަށެވެ. ނަމަވެސް އެއީ ދަނޑުވެރިކަމަށް ދިމާވެފައިވާ މާކެޓިންގެ މައްސަލަ މުޅިން ހައްލުވީ ނޫން ކަމަށާއި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ތާޒާކަމާއެކު ދަނޑުވެރިކަމުގެ އުފެދުންތައް ބާޒާރަށް ނެރުމަށް އެގްރޯ ކުންފުނިން ނުވަ ރަށެއްގައި ޑިސްޓްރިއުބިޝަން ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލަސްތަކެއް ނުވެ އެތަންތަން ބޭނުންކުރަން ފެށޭނެ. އެއާ އެކު އެގްރޯ ކުންފުނީގެ ހިދުމަތް މިހާރަށް ވުރެ ފުޅާވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ނުވަނުން ކަމަށާއި އޭރުން ދަނޑުވެރިކަން ކުރިއަރާނެ ކަމަށެވެ. ސަރުކާރުގެ މަސައްކަތްތަކަށް ވަނީ ދަނޑުވެރިކަން މާކެޓްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު