ތިމާވެއްޓާ ރައްޓެހި އޯގަނިކް ފާމިންއަށް ދަނޑުވެރިން އިސްކަންދިނުމަށް ރައީސް އެދިވަޑައިގެންފިއެވެ.

ކ. ކާށިދޫގައި މިރޭ ބޭއްވި މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުރިއަރާފައިވާ ގައުމުތައް މިހާރު ބަދަލުވަމުންދަނީ އޯގަނިކް ފާމިންއަށް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ދަނޑުވެރިކަންކުރާ ފަރާތްތަކުން ވެސް އޯގަނިކް ފާމިން ކުރުމާމެދު ވިސްނުމަކީ ރަނގަޅުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އޯގަނިކް ފާމިންއަށް މުޅިން ކުއްލިއަކަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން. އަދިވެސް ނުވެސް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަވަށްޓެރި ސްރިލަންކާ އޯގަނިކް ފާމިންއަށް ބަދަލުކުރުމަށް ކުއްލިއަކަށް ފާޓިލައިޒާ އެތެރެކުރުން މަނާކުރި ކަމަށެވެ. އެކަމުގެ ސަބަބުން އެ ގައުމުގެ ދަނޑުވެރިކަމުގެ ދާއިރާ އެއްކޮށް ހުއްޓިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެއަށް ގެނެވެނީ ރަނގަޅު ފާޓިލައިޒާއެއްތޯ ބަލަން ޖެހޭ ކަމަށާއި އަދި އެ ބޭނުންކުރަން ޖެހޭ ގޮތަށް އިސްކަން ދީގެން ބޭނުން ކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއަށްފަހު މަޑުމަޑުން އޯގަނިކް ފާމިންއަށް ބަދަލުވުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތައް ގިނަވަނީ ކެމިކަލް ހިމެނޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ސަބަބުން ކަމަށް ބައެއް މީހުން ފާހަގަކުރާ ކަމަށެވެ. ރާއްޖޭގައި އެކަމާ ގުޅޭގޮތުން ދިރާސާއެއް ހެދިފައި ނުވިޔަސް އެއީ ސަބަބެއް ކަމެއް ވެދާނެ ކަމަށާއި އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތް ނަމަވެސް އެއީ ސިއްހަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް ހުރިހާ ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކެމިކަލްތައް ދޫކޮށް، ތަބީއީ ކާނާ އިން ދަނޑުވެރިކަން ކުރުމަކީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް އިސްކަން ދޭންވީ ކަންތައް،" ރައީސް ވިދާޅުވިއެވެ.