ރީތި، ނަލަ ހިތްގައިމު މަންޒަރުތައް ކެމެރާގެ ލެންސުގައި ރައްކާކުރުމުގެ ޝައުގަކީވެސް ތަފާތު ކަމެކެވެ. މޮޅު ފޮޓޯގްރަފަރެކޭ ބުނުމުން ކުރިން އެގޮތަށް އެބަސް ބުނާ އަޑު އިވުމުން ހިތަށް އަރައެވެ. މޮޅު ފޮޓޯ ނަގާ މީހެކޭ، ނުވަތަ މާ ރީތިކޮށް ފޮޓޯ ނަގާ މީހެކޭ އެބުނަނީ ކީއްވެގެން ހެއްޔެވެ، އެއީ ހާދަ މަޖާ ވާހަކައެކެވެ. އަހަންނަށްވެސް ހަމަ އެގޮތަށް ފޮޓޯ ނެގިދާނެއެވެ. އެއީ ކެމެރާގެ މޮޅުކަމުން ވާކަމެއް ވިއްޔާއެވެ!
އެކަމަކު މިއީ ކުށްހީއެކެވެ. ވާހަކަ ލިޔުންތެރިން، ޅެންވެރިން، ޝާއިރުން، އަދީބުން ފަދައިން ފޮޓޯ ނަގާ މީހުންނަކީވެސް ނުހަނު ވަރުގަދަ ހުނަރެއްގެ ވެރިންތަކެކެވެ. އެމީހުންގެ ކެމެރާގެ ލެންސުތަތަކުގައި އެރައްކާ ކުރަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެތައް ޒަމާނަަކަށް ދިގުދެމިގެންދާ އަސަރުތަކަކާއި އިހުސާސްތަކެއް އެފަދަ މީހުން ނަގާފައިވާ ފޮޓޯތަކުން ހާމަވެއެވެ. އަދި ހަމައެހެންމެ ނަގާ ފޮޓޯއަކުން މުޅިން އެހެން ޒަމާނެއްވެސް ހިތަށް ގެނެސްދީފާނެއެވެ. ހަމައެހެންމެ ދިގު އެތައް ސޮފުހާތަކެއް ފުރޭ ވަރުގެ ވާހަކައެއްވެސް ކިޔައިދީފާނެއެވެ.
މިތާނގައި މިދައްކަނީ ސެލްފީ ނަގާ ވާހަކައެއް ނޫނެވެ. ނުވަތަ އަމިއްލައަށް ނޫނީ ދެއްކުމަށް ފޮޓޯއަށް ހުއްޓި، ނުވަތަ އެކި ވައްތަރު ވައްތަރަށް ފޮޓޯ ނަގާ މީހުންގެ ވާހަކަ ނުވަތަ އެފަދަ ފޮޓޯތަކުގެ ވާހަކައެެއް ވެސް ނޫނެވެ. މިއީ އަނެކާއަށް ނޭނގި ހުއްޓައި، ނުވަތަ ހިނގަމުންދާ އެތައް ކަމެއްގެ ތެރެއިން ފޮޓޯނަގާމީހާ އޭނާގެ ކެމެރާގެ ލެންސުގައި ރައްކާ ކުރާ "ކުއްލި" ނޫނީ ހޮވައިލެވޭ، އަމާޒުކޮށްލެވޭ، ފޮޓޯތަކުގެ ވާހަކައެވެ.
ޒަމާންތައް ބަދަލުވަމުން އަހަރުތައް ކަލަންޑަރަކުން ކަލަންޑަރަކަށް ބަދަލުވަމުން އަންނަ އުސޫލުން އެޒަމާންތަކުގެ ކުލަތަކާއި ޓެކްނޮލޮޖީއަށްވެސް ބަދަލުތައް އަންނަމުންދާވަރަކަށް ތަސްވީރުތަކުގެ ކުލަތައް ފުރިހަމަވެ ހަގީގަތާ އެއްގޮތަށް ކެމެރާގެ ލެންސުތަކުން ފޯކަސް ފުރިހަމަކޮށްގެން ދެން އަންނަ ޒަމާންތަކަށް، އެޒަމާނެއްގެ ފުރިހަމަކަން އޭރަކު އޮތްގޮތް ދައްކުވައިދޭ އެކައްޗަކީވެސް ފޮޓޯގްރާފަރުން ގެނެސްދީފައި ހުންނަ ފޮޓޯ ނުވަތަ ތަސްވީރުކަން ޔަގީނެވެ.
މީގެ އެތައް އެތައް އަހަރެއް ކުރިން އައްޑޫ ސިޓީގެ މަޝްހޫރު އާރްއޭއެފް ހުސޭނާއި އެސިޓީގެ އާންމުނަމުންނަމަ ގަނޑުވަރު، ނުވަތަ މޫންލައިޓްވިލާ މުހައްމަދު ސައީދާ އެކު ނަގާފައިވާ މިމަރުހޫމުންގެ ކަޅާއި ހުދުގެ އެ ތަސްވީރާއި މަރުހޫމު މުހައްމަދު ސައީދުގެ ހަގު ދަރިފުޅާއެކު ނަގާފައިވާ ތަސްވީރު ކައިރިކައިރީގައި ބާއްވައިގެން ބަލައިލީމާ ހަތްދިހަ އާއި އަށްޑިހައިގެ ތަފާތު ފެނިގެންދެއެވެ. ތަސްވީރު މިހިސާބަށް ގެނައި ފަރާތް ދުނިޔޭގައި މިވަގުތު ނެތެއްކަމަކު އަދި ތަސްވީރުގައި އެވާ ހާއްސަ ފަރާތްތައްވެސް ވަކިވެގެން ގޮސްފައިވީކަމުގައިވިޔަސް އެ ދެފަރާތަކީ އައްޑޫގެ ދިގު ތާރީހުގެ ބޮޑުބައެއް ކިޔައިދޭ ދެޝަހުސިއްޔަތެވެ. އަދިވެސް އާރްއޭއެފްގެ ނަމުން ނަން ދެވިފައިވާ، މިހާރު ދަނޑުވެރިކަން ކުރެވޭ ކުޑަކުޑަ ރަށެއް އައްޑޫސިޓީގެ ހިތަދޫ އާއި ގަމާ ދެމެދުގައި އޮތްފަދައިން، އަދި އާރްއޭއެފް ހުސޭނުގެ ހަނދާން ހިތްތަކުން ފިލައިނުދާ އެތައްބަޔަކު ތިބިފަދައިން، އައްޑޫސިޓީގެ މޫންލައިޓްވިލާ މުހައްމަދު ސައީދަކީ ވެސް އައްޑޫސިޓީގެ އެތައް ބައެއްގެ ހިތުން ފިލައި ނުދާނެ އަދި ހަމައެހެންމެ އެތައް ދިވެހިންގެ ހިތުގައިވެސް ހާއްސަ ލޯތްބަކާއި ގަދަރެއް ދެވިފައިވާ ލޮބުވެތި ދެ މީހުންނެވެ.
ހަމަމިގޮތަށް ޒަމާންތަކަށް ދެމިގެންދާނެ އަނެއް ތަސްވީރަކީ، ދިވެހީންގެ ހިތްތަކުން ފަހަރެއްގައިވެސް ފިލައިނުދާނެ ތުއްތު މައުސޫމު އިބްތިހާލްގެ ފޮޓޯއެވެ. ފޮޓޯގްރާފަރު އައްސަދު އޭނާގެ ކެމެރާގެ ލެންސުގެ އަމާޒަށް ގެނެސް އޭގައި ރައްކާކުރި މިފޮޓޯއަކީ ކޮންމެ ޒަމާނެއްގައި ކޮންމެ މީހަކު ބަލައިލިނަމަވެސް އެތައް ބައިވަރު ވާހަކައެއް ކިޔައިދޭނެ ތަސްވީރެކެވެ. ހަމަ ޔަގީނުންވެސް އެފޮޓޯފްރާފަރުވެސް އޭނާގެ ކެމެރާގެ ލެންސު އެދުވަހު އިބްތިހާލަށް އަމާޒުކުރީ ފަހަރެއްގައިވެސް އެއީ މާ ގިނަ ދުވަހެއް ނުވެ އަނިޔާ އާއި ވޭނުގައި ނިމިގެންދާނެ ކުއްޖެއްކަމާއި މިފޮޓޯ އެތައް ޒަމާނެއް ވަންދެން މީހުން ބަލާނެކަން އެނގިގެނެއް ނޫނެވެ. އެހެންނަމަވެސް އެފޮޓޯއިން އެބުނާ "ވަގުތުގެ އިންސާނިއްޔަތުކަން" އަދި "ވަގުތުގެ މައުސޫމުކަން" ވަރަށް ރީއްޗަށް ހާމަވެގެންދެއެވެ.
"އިބްތިހާލްގެ ފޮޓޯ އަޅުގަނޑު ނެގީވެސް އެކުއްޖާ އިންތަނާ ދުރަށް ގޮސް ކެމެރާގެ ލެންސުވެސް ބަދަލުކޮށްގެން. ގާތުގައި އިނދެ ނަގަން އުޅެފިނަމަ އެމޫނުން އަޅުގަނޑުގެ ލޮލަށް އެ ފާހަގަވި ތަފާތުކަން އަޅުގަނޑުގެ ކެމެރާއިން ނަގާ ފޮޓޯއަށް ނާރާނެތީ ދުރަށް ދިޔައީ. އެކަނި އިން ކުއްޖެއްކަމެއް ވެސް އޭރަކު ނޭނގޭ. އެހާ ދިގު ދަތުރެއްގައި ނުހަނު ހިމޭނުން އެހާ ތުއްތު ކުއްޖެއް، ފަހުން އެނގުނީ ދޯނި ދުއްވަން އިންނާނީ އެދުވަހު އެ ކުއްޖާފުޅުގެ ދޮންބައްޕަކަމާއި ހުންގާނަކަށް ސަމާލުވެ ހުންނައިރު ކުއްޖާއަށް އޭނައަށް ސަމާލުކަން ނުދެވޭނެކަން. މިއީ އެދުވަހުގެ އެފޮޓޯ ނެގި ވަގުތު އަޅުގަނޑަކަށް އެނގިފަ އޮތް ކަމެއް ނޫން. އެހެންނަމަވެސް ހަމަގައިމުވެސް އެފޮޓޯ ނެގީ އާންމުކޮށް ފެންނަ އެވަރުގެ ކުދިންނާ ތަފާތުކަމެއް އަޅުގަނޑަށް އިބްތިހާލުގެ މޫނުން ފާހަގަވެގެން. އެދުވަހުގެ އެވަގުތަކު އަޅުގަނޑުގެ ހިތަށް ފަހަރެއްގައިވެސް ނާރާ އަޅުގަނޑުގެ ކެމެރާގައި މިރައްކާ ކުރެވެނީ ދުވަހަކުވެސް ނުފޮހެވެވޭނެ ވާހަކައެއްކަމެއް."
ތެދެކެވެ. އައްސަދަށް ނޭނގި ނަމަވެސް އޭނާގެ ކެމެރާގެ ލެންސުގެ އަމާޒަށް ގެނެސް އޭގައި ރައްކާކުރެވިގެން ގެނައީ އޭގެފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ގައުމު ސިއްސުވާލި، މުޅި ގައުމު ރޮއްވާލި އަދި ދުވަހަކުވެސް ދިވެހިންގެ ހިތްތަކުންނާއި ފަށްފުށްތަކުން ނުފޮހެވޭނެ، ކޮންމެ ޒަމާނެއް އަޔަސް އާކޮށްގެން ދެއްކޭނެ ތާރީހުގައި ލިޔެވުނު އަނިޔާވެރި، ނިކަމެތިކަމެއްގައި ނިމިދިޔަ ތުއްތު އިބްތިހާލުގެ އެންމެ ފަހުގެ ހަނދާންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު، ސޯޝަލް މީޑިޔާގައި ހިއްސާ ކުރެވެމުން ދިޔަ ކާފައެއް ގޮވައިގެން އޭނާގެ ކާފަދަރިފުޅަކު ސައިކަލު ދުއްވާފައިދާ މަންޒަރަކީވެސް ކެމެރާއެއްގެ ލެންސުގައި ރައްކާކުރެވިފައި ހުރި، އެތައް ވާހަކައެއް ކިޔައިދޭ ފޮޓޯއެކެވެ. މިތަސްވީރުން ކާފައާއި ކާފަ ދަރިފުޅުގެ އިހުސާސާއި ގުޅުން މާރީއްޗަށް ވެސް ކިޔައިދެއެވެ.
މިފަދަ ކިތަންމެ ތަސްވީރެއް ނެގިފައި ހުރެއެވެ. މިއީ ހަގީގަތުގައި މުޅީން ތަފާތު ހުނަރެކެވެ. އިހުސާސާއި އަސަރު އެކުލެވޭ ޕްރޮފެޝަނެކެވެ. މިތަސްވީރުން އެބުނާ 'ހިނދުކޮޅުގެ އިހުސާސް' ރަނގަޅަށް ކިޔައިދެއެވެ.
ފޮޓޯގްރާފަރު ނިޔާ، ނައުޝަމް، ޝާމިން އަދި އައްސަދުގެ އިތުރަށްވެސް މިފަދަ ފޮޓޯ ނަގާ ފަރާތްތަކާއި އެފަރާތްތަކުގެ މި ކުޅަދާނަ ހުނަރާ ބެހޭ ގޮތުން ސުވާލުކޮށްލުމުން އެކި މީހުން ދިނީ ތަފާތު އެކި ޖަވާބުތަކެވެ.
"ފޮޓޯއިން ވާހަކަ ކިޔައިދިނުމަކީ އަބަދުވެސް ކުރާހިތްވާ ޝައުގު ހުންނަ ކަމެއް. ތަފާތު އެކިކަހަލަ ފޮޓޯތައް ނެގުމަކީ ކުޑައިރުއްސުރެވެސް ވަރަށް ކުރާހިތުން ކުރާކަމެއް." ނައުޝަމް އޭނާގެ މިޕްރޮފެޝަނާ ބެހޭގޮތުން "ވަން" އަށް ބުންޏެވެ. "ބަސްތައް ސާފު ނުވާ ވަގުތު އަޅުގަނޑު ފޯކަސް ކުރާނީ ފޮޓޯތަކުން. ފޮޓޯގްރަފީގައި."
"އެއީ ދައްކުވައިދޭ އިހުސާސްތަކެއް، ކިޔައިދޭ ޒަމާންތަކެއް، ފޮޓޯގައި ހިމަނަން ޖެހޭ އެންމެ މުހިންމު ކަމަކީ އެއިން އެ ދައްކުވައިދޭ އެންމެ ހާއްސަ ކަން، އެއީ ހިނދުކޮޅުތަކެ އިންސާނިއްޔަތުކަން. ތަސްވީރު ކިޔައިދޭނީ އާންމު ލޯތަކަށް ނުފެންނަ ވާހަކަ." ޝާމިން އޭނާގެ މިޝައުގާ ބެހޭގޮތުން ބުންޏެވެ. "މިއީ އެއްވެސް ހާލެއްގައި އާމްދަނީ ހޯދުމަށް ކުރާ ކަމެއް ނޫން. ހަމަ ޝައުގެއް. އަދި ޒަމާނަށް ފޮރުވާ ހަނދާންތަކެއް."
"އަބަދުވެސް ސަމާލުކަން ދަމައިގަންނަ ކަމެއް. ފުރަތަމަ ފެށީ ހޮބީއެއްގެ ގޮތަށް، އެކަމަކު އެންމެ ފަހުން ކަމުގެ ގޮތުން ޝައުގުވެރިކަން އިތުރުވެ، އެކަމަށް ގެއްލި ހުސްވާ ހިސާބަށްވެސް ދާންފެށީ. އަޅުގަނޑުގެ ފޮޓޯގްރަފީއަކީ އަޅުގަނޑުގެ "ޕެޝަން"، އަޅުގަނޑުގެ ޝައުގުވެރިކަން." ނަން ހާމަކުރަން ބޭނުން ނުވާ ޕްރޮފެޝަނަލް ފޮޓޯގްރާފަރަކު ބުންޏެވެ.
ފޮޓޯގްރަފީ އަކީ އެވަގުތުކޮޅުގައި ހިނގި ކަންތައްތައް ހާމަކުރުމަށް ހާއްސަ ގޮތެކެވެ. ތަސްވީރަކުން ވަގުތުގެ ތެރޭގައި ފާޅުކޮށް ހާމަނުކުރެވޭ ހިނދުކޮޅު ދައްކުވައިދެއެވެ. ތަސްވީރަކުން ކޮންމެ މީހަކަށްވެސް ތަފާތު އެތައް މާނައެއް ނެގިދާނެއެވެ. ސަބަބަކީ ތަސްވީރެއް ތިމާއަށް ދޭހަވާ ގޮތަކީ ތިމާގެ ހިތަށާއި ލޮލަށް ފެންނަ، ސިކުނޑިއަށް ވިސްނޭ ގޮތެވެ. އޭގައި ތަފާތު ކޮންމެ މީހެއްގެވެސް އަމިއްލަ ހިޔާލެއް އޮންނާނެތީއެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. ތަސްވީރު ކިޔައިދޭނީ ތަސްވީރު ބަލާހެންނޭ ބުނާފަދައިން، އަދި ހަމައެހެންމެ އެ ވަގުތެއްގައި އެހިނގަމުންދިޔަ ކަމަކާއި އެ ހިނދުކޮޅުގެ އިހުސާސާއި އެވަގުތުގައި އިންސާނިއްޔަތުކަން ހުރި މިންވަރު ކިޔައިދޭނެ، ބަސްނުމޮށުނަސް، އެތައް ވާހަކައެއް ތަސްވީރު އޭގެ ހިމޭންދުލުން ކިޔައިދޭނެއެވެ.