ތ. ގުރައިދޫ ސިނާއީ ސަރަހައްދު، ކަންޑަރުގައި އަނިޔާވެރިގޮތަކަށް މަރާލި ބަގްލަދޭޝްގެ ޝާހު އަލަމަށް ހަމަލާދިން ވަޅިން އޭނާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ބަބުލް މިއާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި އޮފިސަރު ބުނެފިއެވެ.
ޝާހް އަލަމް މަރާލާފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ޝާހް އަލަމް މަރާލި މައްސަލައިގައި ބަބުލް މިއާއަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފަ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ފުލުހުންގެ ފޮރެންސިކް ޑީއެންއޭ އެނަލިސިސްޓްއެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 15 އަހަރުވެފައިވާ އޮފިސަރެކެވެ. އޭނާއަކީ ޝާހު މަރާލި މައްސަލައިގެ ޑީއެންއޭ އެލަނިސްޓެކެވެ.
ހެކިވެރިޔާ ބުނި ގޮތުގައި މި މައްސަލާގައި ޑީއެންއޭ ލެބޯރެޓަރީއަށް 80 އަށް ވުރެ ގިނަ މާއްދީ ހެކި ގެނައިއިރު އޭގެ ތެރެއިން ފަންސާހެއްހާ ހެކިން ޑީއެންއޭ ނަގައިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ފެނުނު ވަޅިން ވެސް ޑީއެންއޭއަށް ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ވަޅީގެ މުއްގަނޑުން ސާމްޕަލެއް އަދި ވަޅީގެ ތިލައިން ވެސް ސާމްޕަލެއް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ވަޅީގެ ތިލައިން ނެގި ސާމްޕަލުން ފެނިފައިވަނީ ޝާހް އާލަމްގެ ޑީއެންއޭ ކަމަށާއި މުއްގަނޑުން ނެގި ސާމްޕަލުން ދެ މީހެއްގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި މޭޖާ ކޮމްޕޯނަންޓް (މައިގަނޑު ކޮށް ހުރީ) ޝާހްއާލަމްގެ ޑީއެންއޭ ކަމަށާއި މައިނާ ކޮމްޕޯނަންޓަކީ ބަބުލް މިއަހްގެ ޑީއެންއޭ ކަމަށް ބުންޏެވެ.
މޯބައިލް ފޮރިންސިކް ރިޕޯޓާއި ބްލަޑް އެނަލެސިސް ރިޕޯޓްތަކާއެކު ޝަފައީ ހަ ހެކިވެރިން ދައުލަތުން މައްސަލަ ސާބިތުކުރަން ހުށަހެޅި އެވެ. އެ މައްސަލައިގައި ބާކީ ނުނެގި އޮތީ އެންމެ ހެކިވެރިއެއްގެ ހެކިބަހެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. ގާޒީ ވިދާޅުވެފައިވާ ގޮތުގައި ކޯޓުން މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި މި މައްސަލައިގައި ހުކުމް ކުރެއްވުމަށެވެ.
ޝާހްގެ ބުރަކައްޓަށާއި، އަރިކައްޓަށާއި، ކަރުގެ ކަނާއަތް ފަރާތަށް ވަޅިން ފުން ޒަހަމްތަކެއް ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު