ގޫގުލް ކުރޯމް އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ވެބްސައިޓް ތަކަށް ނުވަތަ އިންޓަނެޓް ބޭނުން ކުރުމަށް ހުޅުވާ ދޮރާއްޓެވެ. ނުވަތަ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ބްރައުޒާސް އެވެ. ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ މޯބައިލް އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑް އެވެ.
މި ދެ ފަރާތަކީވެސް ގޫގުލް ކުންފުނީގެ އުފެއްދުމެވެ. އެންޑުރޮއިޑާއި ކްރޯމް އިން ވެސް ޕާސްވޯޑް ބޭނުން ކުރަން ނުޖެހޭ ދުވަހެއް ހޯދުމަށް މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. މިއަދު ގިނަބަޔަކަށް އުޅެން ޖެހިފައިވަނީ ގިނަ ޕާސްވޯޑްތަކެއް ހިތުގައި ބަހައްޓައިގެންނެވެ. އާންމެ މީހެއްގެ ހިތުގައި މަދުވެގެން 15 ވަރަކަށް ޕާސްވޯޑް ގެންގުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން ބައެއް މީހުން ދެކޭ ގޮތުގައި ޕާސްވޯޑަކީ އެމީހުންނަށް ނުބައި އަސަރެއް ކުރުވާ އެއްޗެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެކިއެކި ސައިޓްތަކަށް ލޮގިން ވުމަށް އެކިއެކި ޕާސްވޯޑް ބޭނުން ކުރަން ޖެހުމަކީ މިޒަމާނަށް ފެތޭ ކަމެއް ނޫނެވެ. އިރު އިރުކޮޅުން ޕާސްވޯޑް ރީސެޓް ކުރުމާއި، ޓޫ ފެކްޓަރ ޕްރޮމްޕްޓް ކުރުމާއި، އެނޫންވެސް އެކި ކަންކަމުގައި ފާޑުފާޑުގެ ޕާސްވޯޑް ބޭނުން ކުރަން ޖެހުމަކީ ބޮލުގައި ރިހުމެކެވެ.
އެހެން ކަމުން އެންޑުރޮއިޑް އާއި ކުރޯމް އުފައްދާ ފަރާތް ތަކުން ފޯރީގައި ކުރި ހިތްވަރުގަދަ މަސައްކަތްތަކުން ޕާސްވޯޑްތަކާ ނުލައި އުޅެވޭނެ ދުވަސްތަކެއް ވަރަށް ކައިރިވެފައިވާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފޯނުގައި ރައްކާކޮށްފައިވާ އިނގިލީގެ ނިޝާން ނުވަތަ ޑިޖިޓަލް ސޮއިތައް ނުވަތަ ފޯނަށް ގެނެވޭ އޯޓީޕީގެ ހިދުމަތް ބޭނުން ކޮށްގެން ރައްކާތެރިކަމާއެކު ފަސޭހައިން އެކި އެކި ސައިޓް ތަކާއި އީމެއިލް އަދި އެނޫންވެސް ބޭންކް އެކައުންޓާއި ބިލްތައް ދައްކާ އެޕްލިކޭޝަން ތަކަށް ވަދެވޭނެ ދުވަސް ވަނީ އައިސް ޖެހިފައެވެ.
ލޮގިން ވުމަށް ޖަހާ ޕާސްވޯޑްގެ ބަދަލުގައި އެކައުންޓްތަކަށް ވަނުމަށް ގޫގުލް އިން މިހާރު ތަންފީޒު ކުރަމުން އަންނަ ކަންތައްތަކަށް ބަލާއިރު، ވަކި ހިދުމަތެއްގެ ޒާތީ މައުލޫމާތު ގުޅުވައި، ޗޭން އޮފް ޓްރަސްޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސޮއިކޮށް، ފޯނު ފަދަ ޑިވައިސްއެއްގައި ރައްކާކޮށްފައިވާ ޑިޖިޓަލް ރެކޯޑެއް ނުވަތަ ސޮޔެއް ބޭނުން ކޮށްގެން ނުވަތަ އިނގިލީގެ ނިޝާން ފަދަ ފަސޭހަ ބަޔޮމެޓްރިކްސް ބޭނުން ކޮށްގެން ސައިޓަކަށް، އީމެއިލަކަށް ނުވަތަ އެ ނޫންވެސް ޕާސްވޯޑް ބޭނުންވާ އެޕްލިކޭޝަން ތަކަށް މިހާރު ޖަހާ ޕާސްވޯޑް ޖެހުމުގެ ބަދަލުގައި ބަޔޮމެޓްރިކްސް ނުވަތަ ޑިޖިޓަލް ސޮއެއް ބޭނުން ކޮށްގެން ވަދެވޭނެ ގޮތް ހެދުމަކީ މާ ފަސޭހަ އަދި ރައްކާތެރި ގޮތެކެވެ.