ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ އެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އެ މައްސަލައަކީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ޖެހޭކަމަށް ގާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ހުކުމް ކޮށްފައި ނުވާތީ، ބަލަން ނިންމި މައްސަލައެއް ކަމަށެވެ.
މިމައްސަލަ ބެލުމަށް މިމަހު ފަސްވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާއިން ނިންމައި މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
މީގެކުރިންވެސް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލަން ފަށައިފައެވެ. އެއީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވި މައްސަލައިގައެވެ.
ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ ލިބޭ މީހަކު ހައިކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ސ. ހިތަދޫ ކޯޓުން އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވީ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ. އެ ނިންމުން ދިފާއުކޮށް، އެ ކޯޓުން ނޫސް ބަޔާނެއް ވެސް ނެރުނެވެ.
ޖޭއެސްސީން ބުނީ ރަފީއުއްދީންގެ މައްސަލަ އެފަހަރު ބަލަން ނިންމީ ބަންދާ މެދު ގޮތެއް ނިންމުމާއި ނޫސް ބަޔާން ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު