އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަމުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި (ވާނުވާ ޖަހާފައި) ތިބި އެންމެން ބަންދުން ދޫކޮށްލާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ޕީޕީއެމުން މިހާރު ކުރިއަށްގެންދާ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ޖަލުގައި ވަރަށް ގިނަ ކަމަށެވެ. ނަމަވެސް އެއީ އިންސާފު ނޫން ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައި އެކަން ބަދަލުކުރާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ، ޓެރަރިޒަމާއި މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގައި މުޖުތަމައަށް އެމީހެއްގެ ފަރާތުން އޮތް ނުރައްކާ ބެލުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރުމަކުން މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެހެން މައްސަލަތަކުގައި ވާނުވާ ބަންދުގައި ހުންނަން ޖެހުމަކީ ގޯހެއް ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލާނަން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާ ގޮތަކަށް ފަނޑިޔާރުން ހުކުމްކޮށްގެން ނުވާނެ ކަމަށާއި މުއްދަތު ޖަހައިދޭން އެދުނަސް އެކަންވެސް ކޮށްދީގެން ނުވާނެ ކަމަށެވެ.
"ފުރަތަމަ މުއްދަތަށް ފަހު، ދެވަނަ ފަހަރަށް މުއްދަތެއް ޖެހިގެން ނުވާނެ، އެ މައްސަލަ ދައުވާ ކުރަން ނުވަތަ ކޯޓަށް ވެއްދެންވާނެ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ވާނުވާ ޖެހުމުން އެތައް ބައެއްގެ ހައްގުތައް ގެއްލޭ ކަމަށާއިި އެތައް އަހަރަކު ޖަލުގައި އޮތުމަށް ފަހު އެންމެ ފަހުން މިނިވަންވާ އިރު، އެމީހަކަށް ލިބޭ ހައްގެއް ނޯންނަ ކަމަށެވެ.