މިދުވަސްވަރު އިންޑިޔާގެ ފަޚުރަކަށް އެގައުމުގެ ގިނަ ބަޔަކު ބަލަމުން އަންނަ ތަރިޔަކީ ނޫރާ ފަތުހީއެވެ. ލަވަކިޔުންތެރިއެކެވެ. ނަށާ މީހެކެވެ. މުމައްސިލާއެކެވެ. މިއަހަރުގެ ޑިސެމްބަރު މަހު ގަތަރު ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ނޫރާ ފަތުހީގެ ހުށައެޅުމެއް ފެނިގެންދާނެއެވެ. ކޮލަމްބިއާގެ ޝަކީރާ އާއި އެމެރިކާގެ ޖެނިފަރ ލޯޕެޒްމެންނާއި އެއްގިންތިއެއްގައި ފާހަގަކުރެވިގެންދާނެއެވެ. މިއީ އިންޑިޔާއަށް ނިސްބަތްވާ ތަރިއަކަށް މިޒާތުގެ ފުރުސަތެއް ލިބޭ ނުވަތަ ލިބުނު ފުރަތަމަ ފަހަރެވެ. ނޫރާ ފަތުހީއަށްޓަކައި އިންޑިޔާ ފަޚުރުވެރިވިޔަސް ހަގީގަތުގައި އޭނާއަކީ ކެނެޑާ އާއި މޮރޮކޯއަށް ނިސްބަތްވާ ފަންނާނެކެވެ. މޮރޮކޯގެ ދެމަފިރިއެއްގެ ދަރިއެކެވެ. މަޣުރިބީ އަރަތްބެކެވެ. އުޅެބޮޑުވީ ކެނެޑާގައެވެ. ފަހަކަށް އައިސް މަސައްކަތް ކުރަނީ އިންޑިޔާގެ ބޮލީވުޑްގައެވެ.

ކުރިއަށްމިދާ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ވޯލްޑްކަޕުގެ ރަސްމީ ތަރާނާ ހިމެނޭ ވީޑިއޯ ވަނީ އާއްމުކުރެވިފައެވެ. އޭގައިވެސް ނޫރާ ފަތުހީގެ ބައެއް ވަނީ ހިމެނިފައެވެ. މިއީ "ރެޑްވަން" ގެ އުފެއްދުމެކެވެ. މިއީ ދެހާސް ދިހަވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވުނު ވޯލްޑްކަޕުގެ ރަސްމީ ލަވަކަމަށްވާ "ވަކަވަކަ" ރިކޯޑްކޮށް އޭގެ މަސައްކަތްވެސް ކުރި ފަރާތެވެ. އެފަހަރުގެ ލަވަ ކިޔާފައިވަނީ ކޮލަމްބިއާގެ ޝަކީރާއެވެ. މިފަހަރުގެ ތަރާނާގައި ނޫރާ ފަތުހީ ފެނިގެންދަނީ ބަލްގީސް، މަނާލް އަދި ރަހުމާ ރިޔާޒް ފަދަ އަރަބި ލަވަކިޔުންތެރިންނާއެކުގައެވެ. މި ލަވައިގެ ނަމަކީ އުދަރެސް ދިއްލައިލުމެވެ. މި ވީޑިއޯގައި އިވިގެންދަނީ ނޫރާ ފަތުހީގެ އަޑު އެކަންޏެއް ނޫނެވެ. ބަޑިބަޑިލައްވަމުން ނަށާ މަންޒަރުވެސް ފެނިގެންދެއެވެ. ވަރަށްވެސް މޮޅެވެ. ފުރިހަމައެވެ.

ވޯލްޑްކަޕުގެ ތަރާނާ ވީޑިއޯގައި ކުރެވިފައިވާ މަސައްކަތާމެދު ވާހަކަ ދައްކަމުން ނޫރާ ފަތުހީ ބުނެފައިވަނީ މިހެންނެވެ. ފުޓްބޯޅަޔަކީ މިއުޒިކެކޭ އެއްފަދައިން އާލަމީ ލަހުޖާއެކެވެ. އެއަށް ތަބާވާ މީހުން ގިނަގުނައެވެ. ދުނިޔޭގެ ހަތަރު ބިތުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަހަރެން ދަތުރުކުރާއިރު އަމިއްލަ ލޮލުންވެސް އެ މަންޒަރު ދެކެމެވެ. ބަލަމެވެ. އެހެންވީމާ ފުޓްބޯޅަޔަކީ ކިހާވަރެއްގެ އާލަމީ ޝައުގެއްކަން ވަރަށް ރަނގަޅަށް މޭރުންވެއެވެ. މިވަރުގެ ކަމަކާ ގުޅުވައިގެން ކުޅަދާނަ ހުނަރުވެރި ފަންނާނުންނާއެކު ކުރެވިފައިވާ ތާރީޚީ މި މަސައްކަތުގައި ޝާމިލްވެވުމަކީ އަހަރެންނަށް ލިބުނު ނުހަނު ބޮޑު ޝަރަފަކާއި އުފަލެކެވެ. އަހަރެމެންގެ އަމިއްލަވަންތަކަމާއި ވޯލްޑްކަޕްގެ ފޯރި ރަމްޒުވާގޮތަށް އެކަށޭނަ މަސައްކަތެއް ކުރެވިފައިވާ ކަމަށް ހިތުގެ އަޑިން ގަބޫލުކުރަމެވެ.

ވޯލްޑްކަޕްގެ ތަރާނާއަކީ ވަކި މަސައްކަތެކެވެ. ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ހުށައަޅައިދޭ ލަވަޔަކީ އަދި އެހެން މަސައްކަތެކެވެ. ނިންމުމުގެ ރަސްމިއްޔާތު ބާއްވާނީ ފައިނަލް މެޗާ ގުޅުވައިގެންނެވެ. އެދުވަހު ނޫރާ ފަތުހީ ލަވަކިޔާނީ ހިންދީބަހުންނެވެ. އިންޑިޔާ ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. މިއީ ބައިނަލްއަގުވާމީ މިފަދަ މަހާ ރަސްމިއްޔާތެއްގައި އިންޑިޔާ ތަމްސީލުކުރަން އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތެއް ނޫނެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ދެހާސްވިހި ވަނަ އަހަރު ބޭއްވި އޮލިމްޕިއާ ބްރޫނޯއޭ ކިޔުނު ބައިނަލްއަގުވާމީ ހަފުލާއެއްގައިވެސް ނޫރާ ފަތުހީ ވަނީ އިންޑިޔާ ތަމްސީލުކޮށްފައެވެ. އެފަހަރު އޭނާގެ ނެށުމުން އަރަބި އަދި ހިންދުސްތާނީ ވަނިވަނިލެއްވުން ފެނިފައި މީސްތަކުން ތިބީ އާސޯޚުވެފައެވެ. އެވާހަކަ އަދިވެސް ދައްކައެވެ.

ނޫރާ ފަތުހީ މިވަގުތު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ޑާންސް ދީވާނާ ޖޫނިއަރސްއޭ ކިޔުނު ރިއަލިޓީ ޝޯއެކެވެ. ނޫރާާއަކީ އޭގެ ފަނޑިޔާރެކެވެ. މިއީ ޒުވާނުންގެ މެދުގައި ވަރަށްވެސް މަގްބޫލު ޝޯއެކެވެ. ދާދިފަހުން އޭނާ ވަނީ އޮޅުދޫކަރައިގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީގެ މަނިކެ މަގޭ ހިތޭ، މިލަވައިގެ ބާޒުސާޒީއެއްވެސް ހަދައި ނެރެފައެވެ. ސިދާތު މަލޯތުރާޔާ ގުޅިގެންނެވެ. މިއީ މިލަވައިގެ އެންމެ ފުރިހަމަ ބާޒުސާޒީކަމަށް ބުނެވެއެވެ. ބާޒުސާޒީއަކީ އިނގިރޭސިބަހުން ރިމޭކެވެ. އޭނާގެ ކުރިއަށްހުރި މަޝްރޫއުތަކުގެ ތެރޭގައި ސާޖިދު ޚާން އުފައްދާ ފިލްމެއްވެސް ހިމެނެއެވެ. ޖޯން އެބްރަހަމާއި ޝެހެނާޒް ގިލް ފަދަ ތަރިންނާއެކު ނޫރާވެސް ފެނިގެންދާނެ މިފިލްމުގެ ނަމަކީ ހަންޑްރެޑް ޕަސެންޓް އެވެ.

ނޫރާ ފަތުހީގެ ކޮންމެ މަސައްކަތަކުންވެސް މިހާތަނަށް ނެރެމުން އަންނަނީ ހަންޑްރެޑް ޕަސެންޓެވެ. ސައްތަ އިންސައްތައެވެ. މޮރޮކޯގެ މަޣުރިބީ ދެމަފިރިއަކަށް ލިބިފައިވާ ދަރިއަކަށްވިޔަސް، އަދި އުފަންވެ ބޮޑުވީ ކެނެޑާގައި ކަމަށްވިޔަސް، ސުންނީ މުސްލިމަކަށް ވިޔަސް، ނޫރާ ބުނާގޮތުގައި އޭނާގެ ހިތް ހިންދުސްތާނީއެވެ. އިންޑިޔާއަކީ އޭނާގެ ލޯތްބެވެ. ހިންދީ ފިލްމުތަކުގެ އިތުރަށް އިންޑިޔާގެ ޓެލެގޫ ފިލްމުތަކާއި މެލަޔާޅަމް ފިލްމުތަކުގައިވެސް ނޫރާ ވަނީ ހަރަކާތްތެރިވެފައެވެ. އިންޑިޔާގައި އުޅޭތާ އަހަރުތަކެއް ވެފައިވާތީ މޮޅަށް ހިންދީބަހުން ވާހަކަ ދައްކަން އެނގެއެވެ. އުމުރުން ތިރީސް އަހަރުވީ ނޫރާ އަދި ކައިވެންޏެއް ނުކުރެއެވެ. އެކަމަކު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިޔާގެ ހަށިޕުއްޕާ މީހެއް (ބޮޑީ ބިލްޑަރެއް) ކަމުގައިވާ ވަރިންދުރަ ގުމާންއާއެވެ.