ވޯލްޑްކަޕް ދުވަސްވަރު ގަތަރަށް އެތެރެވުމުގެ ހުއްދަ ލިބޭނީ ހަމައެކަނި ވޯލްޑްކަޕުގެ ޓިކެޓް ގަންނަ މީހުންނަށް ކަމަށް ކުރިން ހަމަޖެއްސި ޖެއްސުން ގަތަރުން މިހާރުވަނީ ބާތިލްކޮށްފައެވެ. ޓިކެޓް ގަނެގެން މެޗު ބަލަންދާ ކޮންމެ މީހަކާއެކު އިތުރު ތިން މީހަކަށްވެސް ގަތަރަށް އެތެރެވެވޭގޮތަށް މިހާރު ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ. މީގެ މާނަޔަކީ މަދުވެގެން ދޮޅު މިލިޔަން މީހުން ގަތަރަށް ޒިޔާރަތް ކުރުމެވެ. މިހުރިހާ އެންމެން ބައިތިއްބާނީ ކޮންތާކު ބާވައެވެ. ހޮޓާހޮޓަލުގެ އަދަދާއި އެނޫންވެސް މިފަދަ ތަންތަނުގެ އަދަދަށް ބަލާއިރު ކުރިމަތީގައި އޮތީ ނުހަނު ބޮޑެތި ގޮންޖެހުންތަކެވެ. މި މައްސަލަ ހައްލުކުރުމަށް ގަތަރުން ރާވާފައިވަނީ ސަހަރާތެރޭގައި ފެންވަރުގެ ފޭލިގެތަކެއް ޖެހުމާއި ޕެސިންޖަރުލައިނަރ ޒާތުގެ ބޯޓުފަހަރު ގެނެސް ދޯހާގެ އައްސޭރީގައި ބޭތިއްބުމެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ކްރޫޒް ބޯޓުފަހަރުގެ ތެރެއިން ތިން ބޯޓެއް ގަތަރުން ވަނީ ވޯލްޑްކަޕް ދުވަސްވަރާ ދިމާކޮށް ކުއްޔަށް ހިފައިފައެވެ. މި ބޯޓުފަހަރުގެ ސަބަބުން އިތުރު އެތައް ހާސް ކޮޓަރިއެއް ވޯލްޑްކަޕް ބަލަންދާ މީހުންނަށް ތަނަވަސްވެގެންދާނެއެވެ. ކުރިން ހަމަޖެހިފައިއޮތީ މިކަމަށް އެންމެ ދެ ބޯޓެއް ބޭނުން ކުރުމަށެވެ. އެންމެ ފުރަތަމަ ބޯޓު ދޯހާގައި ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު ދިހައެއްގައެވެ. ދެވަނަ ބޯޓު ނޮވެމްބަރު ސާދައިގައެވެ. މިވަރުން އަދި ނުފުދޭނެ ކަމަށް ބަލައިގެން އެންމެފަހުން ކުއްޔަށް ނެގީ އެމްއެސްސީ އޯޕްރާއޭ ކިޔުނު ބޯޓެކެވެ. އޭގައި 1075 ކޮޓަރި ހުރެއެވެ. މި ބޯޓު ނަގާފައިވަނީ ނޮވެމްބަރު ނަވާރައިން ފެށިގެން ޑިސެމްބަރު ނަވާރައިގެ ނިޔަލަށް އެއްމަސް ދުވަހުގެ މުއްދަތަކަށެވެ.

އެއްގަމުގައި ހުންނަ ހޮޓަލެއްގައި ނުވަތަ ރިސޯޓެއްގައި ތިބުމާއި ބަނދަރުގައި އަޅާފައިވާ ބޯޓެއްގައި ތިބުން ވަރަށް ތަފާތުވާނެއެވެ. ކުރަންޖެހޭ ތަޖުރިބާވެސް ވަރަށް ތަފާތުވާނެއެވެ. އެއްގަމާއި އެއްވަރަށް ބޯޓުންވެސް ފުރިހަމަ ޚިދުމަތެެއް ލިބޭނެއެވެ. އެހެންވީމާ އެއްގަމަށްވުރެ ބޯޓުން ކޮޓަރި ނުވަތަ ކެބިން ލިބޭ އަގު ވަކި ކުޑައެެއްވެސް ނުވާނެއެވެ. ބޯޓުގައި މީހަކަށް އެންމެ މަދުވެގެންވެސް ދެ ދުވަހު ހުރުން ލާޒިމެވެ. ރެޔަކަށް އެންމެ ކުޑަ އަގަކީ 469 ޑޮލަރެވެ. އެއީ މުބާރާތުގެ ގްރޫޕް ފިޔަވަހީގައެވެ. ނޮކައުޓް ބުރު ފެށުނީމާ އަގު ކުޑަވާނެއެވެ. ފަހަތަށް ފަހަތަށް ދާވަރަކަށް ކޮޓަރިތަކުގެ އަގުވެސް ދާނީ ކުޑަވަމުންނެވެ. އެއީ ގިނަ ޓީމުތަކެއް ކެޓުމުން ޑިމާންޑް ދަށްވާނެތީއެވެ. އެގޮތުން އެންމެފަހުން 250 ޑޮލަރަށްވެސް އެނދެއްގެ އަގު ތިރިވާނެއެވެ.

އަންދާޒާ ކުރެވިފައިވާ ގޮތުން ކުރިން ދެންނެވި ތިން ބޯޓުގައި ގާތްގަޑަކަށް ބާރަހާސް މީހުންނަށް ތިބެވޭނެއެވެ. ހޮޓާހޮޓަލުގައި ހުންނަ ކޮޓަރިތަކުގެ ފެންވަރުވެސް ތަފާތުވާ ގޮތަށް ކްރޫޒް ބޯޓުފަހަރުގައިވެސް ހުންނަނީ އެކި ފެންވަރުގެ ކޮޓަރިތަކެވެ. ފެންވަރު މަތިވާ ވަރަކަށް އަގުވެސް މަތިވާނެއެވެ. އެނގިފައިވާ ގޮތުގައި ވޯލްޑްކަޕް އިންތިޒާމްކުރާ ކޮމިޓީން ކުއްޔަށް ނަގާފައިވާ މި ތިން ބޯޓަކީވެސް ސުވިޒަލެންޑުގައި ގާއިމްކުރެވިފައިވާ އެމްއެސްސީ ކްރޫޒަށް ނިސްބަތްވާ ބޯޓުތަކެވެ. އަމިއްލަ ވިޔަފާރިވެރިންނާއި ބައެއް ރިސޯޓްތަކުންވެސް ހަމަ މިކަމަށް އިތުރު އެތައްހާސް ޔޮޓެއް ގެންނާނެ ކަމަށްވަނީ ލަފާކުރެވިފައެވެ. އެކަމަކު އެއީ އަމިއްލަގޮތުން ކުރާ ކަމަކަށްވާތީ އިތުރަށް ތަނަވަސްވެގެންދާ ކޮޓަރިތަކުގެ އަދަދު ރަސްމީ އަދަދުތަކުގެ ތެރެއަކަށް ނުވަންނާނެއެވެ.

ގަތަރުގެ ވެރިރަށް ދޯހާ އާއި އެރަށާއި ގާތުގައިވާ އަވަށްތަކުގައި ދިރިއުޅޭ އަމިއްލަ މީސްމީހުންގެ ގެދޮރުވެސް ވަގުތީގޮތުން ގެސްޓްހައުސްތަކަށް ބަދަލުކުރުމަށް ވަރަށް ގިނަ ބަޔަކު ވަނީ ނިންމައިފައެވެ. އެހެންވީމާ ވޯލްޑްކަޕް ބަލަންދާ ބަޔަކު މަގުމަތިވުމުގެ ބިރު ކުޑަކަމަށް ބެލެވެއެވެ. ގަތަރުގެ ސަރުކާރުން ވަނީ ވެރިރަށް ދޯހާގެ ކައިރިން ސަހަރާގެ ތެރޭގައިވެސް އެތައްހާސް ފޭލިގެތަކެއް ރުކުރުވައިލައިފައެވެ. ހައްތާވެސް ފިނިކުރި ވަރަށް ޒަމާނީ ވަރަށް ރައްކާތެރި ފޭލިގެތަކެވެ. ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ފޭލިގެތަކެކެވެ. އެއިން ތަނަކުންވެސް އެނދެއް ލިބޭނީ ދުވާލަކު އެތައް ސަތޭކަ ޑޮލަރަކަށެވެ. ވޯލްޑްކަޕް ނިމުނީމާ މިހުރިހާ ފޭލިގެތަކެއް ރޫޅާލައި ނީލަންކިޔުމަށާއި ތިންވަނަ ދުނިޔޭގެ އެކި ގައުމުތަކަށް ހަދިޔާކުރުމަށް ވަނީ ގަސްތުކުރެވިފައެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗު ކުޅެވޭނީ ނޮވެމްބަރު މަހުގެ ވިހިވަނަ ދުވަހު ދޯހާގެ އަލްބައިތު ސްޓޭޑިއަމުގައެވެ. ބައްދަލުކުރާނީ ގަތަރާއި އިކުއެޑޯރެވެ. ފައިނަލް މެޗު ކުޅޭނީ ލުސައިލް ސްޓޭޑިއަމްގައި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިފަހަރުގެ ވޯލްޑްކަޕް ބާއްވާ ގަތަރަކީ ވޯލްޑްކަޕުގެ މުޅި ތާރީޚުގައިވެސް މުބާރާތް ބޭއްވޭ އެންމެ ކުޑަ އަދި ބައިމަދު ގައުމެވެ. އެހެންނަމަވެސް މިއީ މިހާތަނަށް އެންމެ ޚަރަދު ބޮޑު ވޯލްޑްކަޕެވެ. މިހާތަނަށް ބޭއްވިފައިވާ ހުރިހާ ވޯލްޑްކަޕެއް އެއްކޮށް ޖުމްލަކޮށްލީމާ ކުރެވިފައިވާ ޚަރަދަށްވުރެ މި ވޯލްޑްކަޕަށް އެކަނި ކުރެވިފައިވާ ޚަރަދު މާބޮޑެވެ. ސްޓޭޑިއަމްތައް ހެދުމަށާއި ހޮޓާތައް އެޅުމަށާއި މަގުތައް ހެދުމަށާއި މިހެންގޮސް މުބާރާތަށްޓަކައި ކޮންމެހެންވެސް ގާއިމްކުރަންޖެހޭ އޮނިގަނޑު ފުރިހަމަ ކުރުމަށްޓަކައެވެ.