މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހެންވޭރު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ރަޝީދު (ޝިއާ) އާއި ގެއްލުނުތާ ދެ ހަފުތާ ފަހުން މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ދާއިމީ ނަތީޖާ ލިބެން ދެމަސް ދުވަސް ނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ޝިއާއު އާއި އަޒްހާންގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައިވާ ކަމަށާއި ނަމަވެސް ދާއިމީ ނަތީޖާ ލިބެން ދެމަސް ދުވަސް ވަރު ނަގާނެ ކަމަށެވެ.

"ކެމިކަލް ޓެސްޓްތަކެއް ހަދާތީ އެހާ ދުވަސް ނަގަނީ. ދެ މަހާއި ތިން މަސް ދުވަސް އާއްމު ގޮތެއްގައިވެސް ނަގާ ޕޯސްޓްމޯޓަމްއަށް،" ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ އެ ދެމީހުންވެސް މަރުވި ސީދާ ސަބަބު ހާމަކުރަން އެނގޭނީ ޕޯސްޓްމޯޓަމްގެ ދާއިމީ ނަތީޖާ ލިބުމުން ކަމަށެވެ. އޭގެ ކުރިން އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންދިޔައީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އަޒްހާންގެ ހަށިގަނޑު ގެންދިޔައީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.

ބަޝީރު ވިދާޅުވި ގޮތުގައި އަޒްހާންގެ ހަށިގަނޑުން ބޮޑު އަނިޔާއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ޝިއާއު މަރާލުމަށް ފަހުވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.