އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ދައުވާ ކުރުމަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.
ތިން މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑް، ސްޕްރިޑެންޓު އޮފް ޕޮލިސް ހަސަން ސައިދު ވިދާޅުވީ މިހާތަނަށް ތހުގީގަށް ލިބުނު މައުލޫމާތަށް ބަލާއިރު ޝިއާއުގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވެނީ ހަމައެކަނި ޝާހިލަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށާއި ގަސްދުގައި މީހަކު މެރުމުގެ ދައުވާވެސް އޭނާގެ މައްޗަށް ކުރެވޭނެ ކަމަށެވެ.
ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ޝާހިލަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް މި މަރުގެ އަސްލު ސަބަބު ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށްވާތީ އެކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ދައުވާ ކުރެވޭ ވަރަށް ނުވަތަ ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި. އެކަމަކު މަރުގެ މޯޓިވް އަކީ ކޮބައިކަން ނޭނގެ. އެ ހޯދުމަކީ މުހިންމު ކަމެއް ކަމަށްވާތީ އެކަން ދެނެގަތުމަށް މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝާހިލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ޝިއާއު މަރާލި ކަމަށް އޭނާ އެއްބަސްވެސްވެފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ ހެޑް، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި މިހާތަނަށް 45 މީހުންނާ ސުވާލުކޮށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައްވެސް ބަލާފައިވާ ކަމަށެވެ. އަދި މިހާރުވެސް ޝާހިލްގެ ފޯނުގައި ހުރި ޑޭޓާތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ މި މައްސަލަ ބަލަމުންދަނީ ވަރަށް ފުޅާ ވިސްނުމެއްގައި ކަމަށާއި އެކި ފަރާތްތަކުގެ ފަރާތުން ތަފާތު ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އޭގެތެރޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޕްރެކްޓިސްކުރާ ކަމާއި "ކަލްޓް" ޕްރެކްޓިސް ކުރާކަމުގެ ވާހަކަތައްވެސް އަޑުއިވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއީ ސީދާ މަރުގެ މޯޓިވް ކަމަށް ބުނަން ނޭނގޭ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެކަމާ މަރާ ގުޅުވާލެވެން ނެތް ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު