ޚަބަރު

ސަރުކާރުން މަޝްވަރާއަށް އެއްބަސްވުމުން އިހުތިޖާޖު ހުއްޓާލައި ހުޅިދޫން ފައިބަން ނިންމައިފި

މުހައްމަދު އިޝާން

ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ އެއްބަސްވުން ބާތިލުކޮށް އެރަށް އަނބުރާ ވ. އަތޮޅުގެ ރައްޔިތުންނާ ހަވާލު ކުރުމަށް ގޮވާލައި ހުޅިދޫގައި ކުރަމުން އައި އިހުތިޖާޖު ހުއްޓާލައިފިއެވެ.

ހުޅިދޫގެ އެއްބަސްވުމާ އެއްގޮތަށް އެރަށް ހަވާލުކޮށްފައިވާ ކުންފުނިން އަމަލުކުރަމުން ނުދާތީ އެރަށް އަނބުރާ ކައުންސިލާ ހަވާލުކުރުމަށް ގޮވާލައި އިއްޔެއިން ފެށިގެން ވ. އަތޮޅުގެ ރަށްތަކުގެ ކައުންސިލު މެމްބަރުންނާއި އެރަށުގެ ބައެއް ރައްޔިތުން ދަނީ ހުޅިދޫގައި އިހުތިޖާޖު ކުރަމުންނެވެ.

އެ އިހުތިޖާޖު ހުއްޓާލުމަން ނިންމާފައިވާކަން ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވަނީ މިއަދު "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އިހުތިޖާޖު ހުއްޓާލުމަށް ނިންމީ ސަރުކާރާއެކު އެއްބަސްވުމަކަށް އޭދެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އޮފީހުގެ ބަޔަކާއެކު މިހާރު މިވަނީ އެއްބަސްވުމަކަށް އާދެވިފައި. އެހެންވެ އަޅުގަނޑުމެން ވާނީ ވަގުތީ ގޮތުން މި ކުރަމުންދާ އިހުތިޖާޖު ހުއްޓާލައި ރަށުން ފައިބަން ނިންމާފައި. ބުރާސްފަތި ދުވަހުގެ ނިޔަލަށް ހައްލު ހޯދައިދެއްވާނެ ކަމަށް އަންގާފައިވަނީ އަޅުގަނޑުމެންނަށް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އެރަށުން ފައިބަން ނިންމީ ފުލުހުންނާ ރަށް ބެލުމުގެ ކަންކަން ހަވާލުކުރުމަށްފަހު ކަމަށެވެ.

ހުޅިދޫ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ހުޅިދޫ ކުއްޔަށް ހިފާފައިވާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ނުކުރާ ކަމަށާއި އެހެންކަމުން އެރަށް އެކުންފުނީގެ ބެލުމުގެ ދަށުން ނަގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުގެ ބެލުމުގެ ދަށަށް ހަވާލުކުރަން ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތަކެއްގައި އެދިފައިވާނެ ކަމަށެވެ.

"އެއްބަސްވުމުގައިވާނެ ސީއެސްއާރުގެ ދަށުން ކޮށްދޭން ޖެހޭ ކަންކަން، ކުނި ނެގުމާއި ކުނިކޮށި ތަރައްގީކުރާނެ ކަމަށް. ދަނޑުވެރިކަމާ ގުޅޭ ކޯސްތައް ވ. އަތޮޅުގައި ހިންގާނެކަމަށް ސީއެސްއާރުގައި ހިމަނާފައިވާނެ، އަދި ހުރި އެހެން ކަންކަން ވެސް އެބަހުރި. އެއްވެސް ކަމެއްނުކޮށްދޭ. މިހާރު އޮތީ ސައްހަ އެއްބަސްވުމެއް ކަމަށް ވ. އަތޮޅު ރައްޔިތުން ގަބޫލުނުކުރަނީ އެހެންވެ،" ޝުޖާއު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ މަސައްކަތަށް ހުޅިދޫ، 2016 ވަނަ އަހަރު ވަނީ އާރަށް އިންވެސްޓްމެންޓް ކުންފުންޏަށް 21 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކޮށްފައެވެ.

ޝުޖާއު ވިދާޅުވީ އެ ކުންފުނިން ދަނޑުވެރިކަމުގެ މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެފައިވާ އިރުވެސް ސަރުކާރުން އެކަމާ އަޅައިނުލަނީ ނުފޫޒުގައި ޖެހިފައިވާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެރަށް ކުއްޔަށް ދޫކޮށްފައިވަނީ އަހަރަކު 36،00 ރުފިޔާއަށް ކަމަށް ވެސް ވިދާޅުވިއެވެ.

"މިރަށް ކުއްޔަށް ދޫކޮށްފައިވާ ކުންފުންޏާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލީގޮތުން ގާތް ބޭފުޅެއްގެ މަސްލަހަތު އެބައޮތް. އެ ބޭފުޅާއަކީ އަބްދުﷲ މުހައްމަދު. ވ. އަތޮޅުގެ ރައްޔިތުންނަށް ނެތް ފަޅު ރަށެއް. މިގޮތަށް ފައިދާ ނުވާ ގޮތަށް އެކި މީހުންނަށް ރަށްތައް ދޫކޮށްގެން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިހާރު ފެނިގެންމިދަނީ އެތައް ބައެއްގެ ހައްގަށްވުރެ ބޮޑަށް ސަރުކާރުން އެންމެ ރައްޔިތެއްގެ ހައްގު، ނުފޫޒުގައި ޖެހުމުގެ ސަބަބުން ހިމާޔަތްކުރަމުންދާ މަންޒަރު ކަމަށެވެ.

"ސަރުކާރުގެ އެކި ބޭފުޅުން އެބަ ވިދާޅުވޭ މިހާރު ސައްހަ އެގްރީމެންޓެއް ނެތްކަމަށް. އެކަމަކު ރަސްމީކޮށް ލިޔުމުން އެކަން ދަންނަވަން ނުކެރިގެން އެ އުޅުއްވާ ސަބަބަކީ މި ދެންނެވި ނުފޫޒު. އަޅުގަނޑުމެން ވ. އަތޮޅު ރައްޔިތުން މިތިބީކީ މިރަށުން ފައިބާ ގޮތަކަށް ނޫން، އެ ހެޔޮ މަސް ދުވަސް ވިޔަސް ބޯ ވިއްސާރައިގައި ތިބެން ޖެހުނަސް، ރޭ އަޅުގަނޑުމެން ނިދަން ތިބީވެސް މިރަށުގައި،" ޝުޖާއު ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު އެތައްކަމެއް ހުޅީދޫގައި ކުރަމުންދާ ކަމަށާއި އެކަންތައްތަކުގެ މައުލޫމާތު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށާއި އެހެން އިދާރާތަކަށް އެންގިނަމަވެސް ޒިންމާވާނެ ފަރާތެއް ނުދެއްކުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ. ދައުލަތަށް ޒިންމާ ނަގައި މަސްއޫލިއްޔަތު އަދާކުރަން ނުކުރެމުން، ކައުންސިލުން އެ ޒިންމާ ނަގަން ހަވާލުވުމުން އެކަމާ ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހުޅިދުއަށް މިހާރު ވަނީ ފުލުހުންގެ އެސްއޯ ޓީމެއް ގޮސްފައެވެ. ޝުޖާއު ވިދާޅުވީ އިހުތިޖާޖު ކުރަމުންދާ ސަބަބު ފުލުހުންނަށް ވަރަށް ރަނގަޅަށް ކިޔައިދީފައިވާނެ ކަމަށާއި އިހުތިޖާޖުގެ ބައިވެރިންގެ ފަރާތުން ފުލުހުންނާ ކުރިމަތިލައި އަޑުގަދަކޮށް ނަހަދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވ. އަތޮޅުގެ ޕިކްނިކް އައިލެންޑުގެ ގޮތުގައި ހުޅިދޫ ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.