(7 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

"ޢީސާއީންގެ މިވަރުގަދަ ލަޝްކަރާ ބެހޭގޮތުން ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މިފަހަރު ޔޫރަޕުގެ އެކި ޤައުމުތަކުން އެއްވި މަސީޙީ ލަޝްކަރުތަކުގެ އެންމެންނަކީވެސް ނުހަނު ހިތްވަރުގަދަ ތަޖްރިބާކާރު ސިފައިންނެވެ. ތަކުރާރުކޮށް އެތައް މައިދާންތަކެއްގައި ހަނގުރާމަކޮށް އަޖުމަ ބެލިފައިވާ ސިފައިންނާއި އޮފިސަރުންނެވެ. އެއެންމެންނަކީވެސް މަސީޙީ ޔޫރަޕުން ހޮވައިލެވިފައިވާ ސިފައިންނާއި ކޮމާންޑަރުންނެވެ. އެލަޝްކަރުގެ ކޮމާންޑަރުން ވިދާޅުވަމުން ގެންދެވިގޮތުގައި މަތީން އުޑުވެއްޓުނު ކަމުގައިވިޔަސް އެބޭފުޅުންގެ ލޮންސިކޮޅުތަކުގެ ތުނޑުން އެއުޑު ހިފަހައްޓައިލައްވާނެއެވެ. (ތާރީޚެ އިސްލާމް، ޞަފުޙާ: 340)

ޢީސާއީންގެ މިގަދަފަދަ ލަޝްކަރު ޖަމާވީ ހަންގޭރީގެ ސަރަޙައްދެއްކަމުގައިވާ ބޫޑާއަށެވެ. އެލަޝްކަރު ނުހަނު ޖޯޝާއި ފޯރިޔާއެކު ޢުޘްމާނީ ދައުލަތުގެ ސަރަޙައްދާ ދިމާޔަށް ފިރުކިގަތީ ސާވިޔާއާއި ވިލާޗިޔާގެ ތެރެއިން ދެމަގަކުންލައިފައެވެ. އޭރު ސާވިޔާގެ ރަސްގެފާނު ހުންނެވީ ތުރުކިއޭއިންނާއެކު ކުރައްވައިފައިވާ މުޢާހަދާއަށް ފުރިހަމަޔަށް ވަފާތެރިވެވަޑައިގެންނެވެ. سلطـــان بــايـــزيــد ގެ ގާތް އެކުވެރި ބައިވެރިޔެއްގެ ގޮތުގައެވެ. އެހެންކަމުން މަސީޙީ މުޖާހިދުން ސާވިޔާގެ ޢީސާއީންނާމެދުވެސް ޢަމަލުކުރީ އެބައިމީހުން ތުރުކިއޭއިންނާމެދުވެސް ޢަމަލުކުރާނެގޮތަށެވެ. ހިތަށްވެސް ނުގެނެވޭވަރުގެ ވަޙްޝީކަމާއި ޖައްބާރުކަމާ އެކުގައެވެ. ޢީސާއީ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފަކީ ސިގަސްމަންޑެވެ. އޭނާ ތުރުކިއޭއިންގެ ސަރަޙައްދަށް ވެދެވަޑައިގެން އެންމެފުރަތަމަ ޙަމަލަދެއްވީ ވަދީނަށެވެ. އެރަށް ފަތަޙަކުރެއްވުމަށްފަހު ބައެއް މުހިންމު އެހެނިހެން ރަށްރަށްވެސް ހިއްޕެވިއެވެ. އޭނާ ލަޝްކަރާއިގެން ކުރިޔަށް ވަޑައިގެންނެވީ ނައިކޯޕޯލިސްއާ ދިމާޔަށެވެ. ތާރީޚުގައި ބަޔާންވެފައިވާގޮތުގައި ޢީސާއީން ފަތަޙަކުރާ ކޮންމެ ރަށެއްވެސް ގެންދިޔައީ ދޮންވެލި ފިނޮޅަކަށް ހަދަމުންނެވެ. އެތަންތާނގެ މުސްލިމު ރައްޔިތުންނާއި ރަށްރަށް ދިފާޢުކުރާންތިބި ހުރިހައި ސިފައިން ހިތެއް ފިތެއްނެތި ނުހަނު ރަޙްމުކުޑަ ގޮތަކަށް ކަތިލަމުންނެވެ. އަމާންކަމަށްއެދި އާދޭސްކުރިކަމުގައިވިޔަސް ކިޔަމަންތެރިވާން އިޤްރާރުވިކަމުގައިވިޔަސް އެކެއްގެވެސް ފުރާނަ ސަލާމަތްކޮށެއް ނުދެއެވެ. ޤަތުލު ޢާންމުގައި އަންހެނެއް ފިރިހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ތަފާތެއް ނުކުރެއެވެ.

سلطـــان بــايـــزيــد خــــان ޔިލްދިރިމް އޭޝިޔާމައިނާގެ ދައުލަތްތައް ފަތަޙަކުރެއްވުމަށްފަހު ހުންނެވީ އޭޝިޔާމައިނާގައެވެ. ކުއްލިޔަކަށް އޭނާއަށް ލިބިވަޑައިގެންނެވީ ޔޫރަޕުގައި އޭނާއާ ދެކޮޅަށް ނުރައްކައުތެރި ވަރުގަދަ އިއްތިހާދެއް އުފެދުނު ޚަބަރެވެ. ޢީސާއީ ލަޝްކަރު އެކިދިމަދިމާޔަށް ޙަރަކާތްތެރިވާންފެށި ޚަބަރެވެ. سلطـــان بــايـــزيــد އަށް އެޚަބަރު ލިބިވަޑައިގެންނެވުމާއެކު ޠޫފާނީ ވައިރޯޅިޔެއްގެ ބާރުމިނުގައި ޔޫރަޕާ ދިމާޔަށް ދަތުރު ފައްޓަވައިފިއެވެ.

ތާރީޚެ އިސްލާމްގައިވެއެވެ. "سلطـــان بــايـــزيــد خــــان ގެ އަރިހަށް އޭޝިޔާއަށް ޚަބަރު ދިޔައީ ޢީސާއީން ޢުޘްމާނީ ސަރަޙައްދަށްވަދެ އެސަރަޙައްދު ވީރާނާކޮށް އަންދައި ސުންނާފަތިކުރަމުން ކުރިޔަށްދާން ފެށިފަހުންނެވެ." سلطـــان بــايـــزيــد އެޚަބަރު ލިބިވަޑައިގެންނެވުމާއެކު ވިދުވަރެއްފަދަ ހަލުއިކޮށް އެޑްރިޔާނޯޕަލަށް ވަޑައިގެންފިއެވެ. އޭރު ސިގަސްމަންޑު ގަސްދުކުރައްވައިގެން ހުންނެވީ ދަރުދާނިޔާލް ހުރަސްކުރައްވައި އޭޝިޔާކޫޗަކަށް ވަޑައިގެން ފަތަޙައިގެ ދިދަ ވިހުރުއްވަމުން ޝާމުކަރަޔަށް ވަޑައިގެންނެވޭނެ ކަމުގައެވެ. އަނެއްކޮޅުން ޤުސްޠަންޠީނިއްޔާގެ ޤައިޞަރުވެސް ހުންނެވީ ހިތްޕުޅުގެ އަޑީން ނުހަނު އުފާފުޅުންނެވެ. ކޮސޯވޯގެ މައިދާނުގައި ޙާޞިލު ނުކުރެއްވުނު މަތިވެރި މަޤްޞަދު މިފަހަރު ނުހަނު ފަސޭހަފުޅުކަމާއެކު ފުރިހަމަޔަށް ޙާޞިލުކުރެއްވޭނެ ކަމުގައެވެ. ޢުޘްމާނީންގެ ނުރައްކަލުން އަބަދަށްޓަކައި ސަލާމަތްވެވަޑައިގެންނެވޭނެ ކަމުގައެވެ. سلطـــان بــايـــزيــد ޔިލްދިރިމަށް އެޑްރިޔާނޯޕަލަށް ވަޑައިގެންނެވޭއިރަށް އަނެއްފަރާތުން ސިގަސްމަންޑުގެ ބިޔަ ލަޝްކަރުވެސް އެޑްރިޔާނޯޕަލަށް ހިނގައިދާނެ ކަމުގައެވެ. بــايـــزيــد خــــان އަށް އޭނާގެ ހިއްސުފުޅުތަކަށް ބާރުނުފޯރުއްވެވެނީސް ނުހަނުބޮޑު ޙައިރާންފުޅުކަމަކާއި މުޞީބަތާ ކުރިމަތިލައްވާން ޖެހިވަޑައިގެންފާނެ ކަމުގައެވެ.

ނަމަވެސް ޢީސާޢީ ލަޝްކަރު ޤަތުލުޢާންމު ހިންގަމުން ރަށްރަށް އަންދައި ވީރާނާކުރަމުން ނައިކޯޕޯލިސްގެ ރަށްބޭރަށް ދިޔުމުން އެރަށުގައި ހުންނެވި ތުރުކިއޭގެ ޕްރޮވިންސު ގަވަރނަރު ޔޫޣިލާންބޭގު ނުހަނު ސާބިތުކަމާއި ހިތްވަރުފުޅާއެކު ސިގަސްމަންޑުގެ ލަޝްކަރާ ކުރިމަތިލައްވައިފިއެވެ. އޭނާ ބާރުފުޅުވެސް ހުރެގެން ނުހަނު ހަރުދަނާކަމާއެކު ރަށުގައި ޙިޞާރުވެވަޑައިގެންފިއެވެ. މަސީޙީ ލަޝްކަރު ނައިކޯޕޯލިސް ޙިޞާރުކޮށްފިއެވެ. އެބައިމީހުން ދުށީ ދުވަސްކޮޅަކަށް އަރާމުކޮށްލެވުމާއި ވަރުބަލިފިލުވައިލެވުމަކީ ލިބުނު ޣަނީމާއެއް ކަމުގައެވެ. ހަމައެފަދައިން ނައިކޯޕޯލިސްގެ މުޙާޞިރާގެ ސަބަބުން سلطـــان بــايـــزيــد خــــان ޔިލްދިރިމަށްވެސް ވަނީ އެޑްރިޔާނޯޕަލަށް ވަޑައިގެން ނުހަނު އަވަސްއަވަހަށް މުނާސަބު ތައްޔާރީތައް ކޮށްލައްވައިގެން ނައިކޯޕޯލިސާ ދިމާޔަށް ދަތުރު ފައްޓަވާނެ ވަގުތު ލިބިވަޑައިގެންފައެވެ. ޢީސާއީ ލަޝްކަރުގެ އޮފިސަރުން އޭރުވެސް ހީފުޅުކުރައްވައިގެން ތިއްބެވީ سلطـــان بــايـــزيــد خــــان އަދިވެސް ހުންނަވާނީ އޭޝިޔާގައި ކަމުގައެވެ. سلطـــان بــايـــزيــد އަށް އެބައިމީހުންގެ ލަޝްކަރުގެ ވަރުގަދަކަމާއި ބައިބޯކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން ޔޫރަޕުގެ ގޮނޑުދޮށުގައި ފައިތިލަފުޅު ޖައްސައިލައްވާންވެސް ކެރިވަޑައިނުގަންނަވާނެ ކަމުގައެވެ. (ޞަފުޙާ: 340)

"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު ލިޔުއްވައިފައިވެއެވެ. "ނައިކޯޕޯލިސްގެ ކޮމާންޑަރ ޔޫޣިލާންބޭގު ހަތިޔާރު ބަހައްޓަވާން ކުރެއްވީ އިންކާރެވެ. މަސީޙީންގެ ޙިޞާރު އިންތިހާޔަށް ވަރުގަދައެވެ. އެކަމަކުވެސް އޭނާ ޙައިރާންވެ އަންތަރީސްވާފަދަ ހިތްވަރުފުޅާއެކު ދުޝްމިނުންނާ ކުރިމަތިލައްވަމުން ގެންދެވިއެވެ. بــايـــزيــد އޭނާއަށް އެހީވެވަޑައިގަންނަވާން އެބަވަޑައިގަންނަވާކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތެވެ. ކަންވީވެސް އެހެންނެވެ. بــايـــزيــد އޭނާގެ އެންމެވަރުގަދަ ލަޝްކަރާއިގެން އެމުއްދަތުގެ ތެރޭގައި ފުރައިވަޑައިގެންފިއެވެ. އޭނާ ނުހަނު ހަލުވި ދަތުރުފުޅެއް ކުރައްވަމުން ނައިކޯޕޯލިސް ޙިޞާރު ކުރެވުނުތާ ސޯޅަވަނަޔަށްވީ ދުވަހު ނައިކޯޕޯލިސްއަށް ވަޑައިގެންފިއެވެ.

بــايـــزيــد ވަޑައިގެންނެވިއިރު މަސީޙީ ލަޝްކަރުގެ އެންމެން އުޅެމުންގެންދިޔައީ ޖުވާކުޅުމާއި ރާބުއިމުގައި ހޭވައްޓައިލައިގެންނެވެ. އެބައިމީހުންނަށް ލިބިފައިވާ އިބްތިދާއީ ފަތަޙައިގެ ސަބަބުން ތިބީ ވަރަށްބޮޑަށް އުޕަރުވެ ބޮޑާވެފައެވެ. ފޯރިވަނީ ވަކީން ގަދަވެފައެވެ. بــايـــزيــد އެހައި އަވަހަށް ވަޑައިގެންފާނެކަމަކަށް އެބައިމީހުން ހީއެއްވެސް ނުކުރެއެވެ. ޚާއްޞަކޮށް ފަރަންސޭސީން އެކަން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ. ފަރަންސޭސީން ބުނަމުންގެންދިޔައީ އެބައިމީހުނާ ހަނގުރާމަކުރައްވަން ބޮސްފަރަސް ހުރަސްކުރައްވާކަށްވެސް بــايـــزيــد އަށް ކެރިވަޑައިނުގަންނަވާނެ ކަމުގައެވެ. މަސީޙީންނަށް ކާމިޔާބީގެ ޔަޤީންކަށް އޮތްލެއް ބޮޑުކަމުން بــايـــزيــد ވަޑައިގެންފިތޯ ނުވަތަ ނޫންތޯ އެބައިމީހުން ވިސްނައެއްވެސް ނުލައެވެ. އެ ޞަލީބީ މުޖާހިދުންނާއެކު ކަސްބީ އަންހެނުންގެވެސް އެތައްބަޔަކުވަނީ ގެނެސްފައެވެ. ޢިޝްޤީ ކުޅިސަމާގެ ސަބަބުން މަސީޙީ ކޭމްޕުވެފައިހީވަނީ މަޖާކުރުމާއި ޢައްޔާޝީކަމުގެ ޢީދަކަށް ތައްޔާރުވެފައިވާ ޢީދުގާހެއް ހެންނެވެ.

ޢީސާއީ މުއައްރިޚު ލޭންޕޫލުވެސްވަނީ އެކަމަށް ހެކިދެއްވައިފައެވެ. "އެ މަސީޙީ މުޖާހިދުން އެބައިމީހުންނާއެކު ގިނަ ޢަދަދެއްގެ ރާއާއި އަންހެނުންވެސް ގެނައެވެ. ބޮޑާކަމުގެ ބަސްތައް ބުނަމުން ގެންދިޔައީ އިންތިހާއަށެވެ. އެބައިމީހުން ބުނަމުން ގެންދިޔައީ އެބައިމީހުންގެ ބޯމައްޗަށް އުޑު ވެއްޓުނުކަމުގައިވިޔަސް އެބައިމީހުންގެ ލޮންސިތަކުން މަތަކޮށް ހިފަހައްޓާނެކަމުގައެވެ." (ޞަފުޙާ: 40) ތާރީޚު ލިޔުންތެރިޔާ ކްރޭޒީވެސް ވަނީ މަސީޙީންގެ ކިބުރުވެރިކަމުގެ ވާހަކަ ބަޔާންކުރައްވައިފައެވެ. (ޞަފުޙާ: 36)

ނައިކޯޕޯލިސް ހަނގުރާމައިގެ ވާހަކަ ހުރިހައި މުއައްރިޚުންވެސް ލިޔުއްވައިފައިވަނީ ދާދިއެއްކަހަލަ ގޮތަކަށެވެ. އެ މުއައްރިޚުންގެ ތެރޭގައި ކްރިސްޓިއަން މުއައްރިޚުން ކަމުގައިވާ ކްރޭޒީއާއި ލޭންޕޫލުވެސް ހިމެނިވަޑައިގަންނަވައެވެ. އެވާހަކަތައް މިލިޔަނީ "ދައުލަތެ ޢުޘްމާނިއްޔާ" އިން ނަކަލުކޮށްގެންނެވެ. "ދައުލަތެ ޢުޘްމާނިއްޔާ" ގައި އެވާހަކަތައް ލިޔުއްވައިފައިވަނީ ކްރޭޒީއާއި ލޭންޕޫލަށް ޙަވާލާދެއްވައެވެ.

"23 ޛުލްޤަޢިދާ 798 (24 ސެޕްޓެމްބަރ 1396) ގައި ކައުންޓު ޑި ނެވާސް އިންނެވީ އޭނާގެ ފަރަންސޭސި އެކުވެރީންނާއެކު ފަރީއްކުޅުއްވާން ސުފުރާކޮޅުގައެވެ. ކުއްލިޔަކަށް އެބޭފުޅުންނަށް ލިބިވަޑައިގެންނެވީ ތުރުކިއޭ ލަޝްކަރު ވަރަށް ކައިރިޔަށް އަތުވެއްޖެ ޚަބަރެވެ. ހުރިހައި ބޭފުޅުން ވަގުތުން ތެދުވެވަޑައިގެންފިއެވެ. ހަނގުރާމައިގެ ހަތިޔާރު އަޅުއްވާން ފައްޓަވައިފިއެވެ. އެބޭފުޅުން ބޭނުންފުޅުވީ ކުޑަކޮށްވެސް ލަސްކޮށްނުލައްވައި ވަގުތުން ހަނގުރާމަ ފައްޓަވާށެވެ. ޢުޘްމާނީން ހަނގުރާމައިގެ އުސޫލު ގެންގުޅޭގޮތް ސިގަސްމަންޑު ދެނެވަޑައިގަންނަވައެވެ. ތުރުކިއޭއިން އަބަދުވެސް ލަޝްކަރުގެ ކުރިޔަށް ނެރޭނީ ރަސްމީ ލަޝްކަރުގައި ނުހިމެނޭ އަދި ތަރުތީބެއްވެސް ނެތް ހަނގުރާމަވެރީންތަކެކެވެ. އެއީ ދުޝްމިނުންގެ އެންމެފުރަތަމަ ޙަމަލައިގެ ބާރު ކަނޑުވައިލުމަށްޓަކައި ކުރިޔަށްނެރޭ ބައެކެވެ. ތުރުކިއޭއިންގެ ޙަޤީޤީ ލަޝްކަރު އޮންނާނީ ނުރަސްމީ ހަނގުރާމަވެރީންގެ ފަހަތުގައެވެ. އެހެންކަމުން ސިގަސްމަންޑު ފަރަންސޭސި ސިފައިންނަށް މަޝްވަރާ ދެއްވިއެވެ. ކުރިޔަށް އެތިބަ ޢާންމު ހަނގުރާމަވެރީންނާ ޙަމަލަދެއްވައި ތިޔަބޭފުޅުންގެ ބާރުފުޅު ބޭކާރު ނުކުރައްވާށެވެ. ފަރަންސޭސި ބައެއް ކޮމާންޑަރުން އެ މަޝްވަރާ ޤަބޫލުކުރެއްވިއެވެ. ނަމަވެސް ގިނަބޭފުޅުންނަށް ހީފުޅުވީ ސިގަސްމަންޑު އިސްވެ ޙަމަލަދެއްވަން ބޭނުންފުޅުވަނީ ކަމުގައެވެ. އެހެންކަމުން ފަރަންސޭސި ގެމަތައް ހަންގޭރީންގެ ފަހަތުގައި ބައިތިއްބަވާކަށެއް އެބޭފުޅުން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ސިގަސްމަންޑުގެ މަޝްވަރާ އަނބުރާ ރައްދުކުރައްވައިފިއެވެ. ސިގަސްމަންޑުގެ މަޝްވަރާއާ އެންމެބޮޑަށް ދެކޮޅުހެދީ ފަރަންސޭސީންގެ ޒުވާން ފަހުލަވާނުންނެވެ. އެބައިމީހުން އައިފޯރީގައި ތުރުކިއޭ ޤައިދީންތައްވެސް ޤަތުލުކޮށްލައިފިއެވެ. އެ ތުރުކިއޭއިންނަކީ މި ސިލްސިލާގެ އިބްތިދާއީ ފަތަޙަތަކުގައި މަސީޙީން އަމާންކަން ދޭނެކަމުގައި ވަޢުދުވުމުން ހަތިޔާރު ބެހެއްޓި ޤައިދީންނެވެ.

(ނުނިމޭ)