އަންދާޒާކުރި ވަރަށްވުރެ ބޮޑަށް ރާއްޖޭގެ ރިޒާވް ދަށްވަމުންދާ ކަމަށާއި ނަމަވެސް މިއަހަރުގެ ބަޖެޓްގައި ލަފާކުރި އަދަދަށް ރިޒާވްގައި ޑޮލަރު ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އާއި އިތުރު ކަންކަމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުގެ ރިޒާވަށް ނުރަނގަޅު އަސަރު ކުރަމުންދާ ކަމަށެވެ.
"އަންދާޒާކުރި ވަރަށްވުރެ ބޮޑަށް ރިޒާވް އެބަދަށްވޭ. އަޅުގަނޑުމެންގެ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ކަންތައްދިމާވޭ، ރާއްޖޭއަށް އެކަނިވާކަމެއް ނޫން. ތެލުގެ އަގުބޮޑުވެ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރިޒާވްއަށް އިމްޕެކްޓުތަކެއް އެބައާދޭ،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ރިޒާވަށް ކުރާ ނުރަނގަޅު އަސަރު ކުޑަކުރެވޭނެ ގޮތްތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިހާރު ވެސް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވެޕް ފެސިލިޓީއަކާއި ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސުވެޕް ފެސިލިޓީއެއް ހުންނާނެ ކަމަށެވެ. އަދި މަލްޓިލޭޓްރަލް އެޖެންސީތަކާ އެކު ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޑޮލާގެ އިންފްލޯއެއް އަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަމީރު ވިދާޅުވިއެވެ.
"އެހެންވީމާ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް އަޅުގަނޑުމެން ހަމަ 2022 ވަނަ އަހަރުގެ ބަޖެޓަށް އޭރު އަންދާޒާ ކުރި މިންވަރަށް ހުންނާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މިއަހަރު ނިމޭއިރު ރިޒާވްގައި 690 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ޑޮލަރު ރުފިޔާއަށް ބަދަލުކުރަން މި ސަރުކާރުގެ ކުރީކޮޅު ނިންމެވީ އެމްއެމްއޭ މަޝްވަރާކުރުމަށްފަހު ކަމަށާއި އަނެއްކާވެސް އެސްޑީއެފް ޑޮލަރަށް ބަދަލުކުރަން އެމްއެމްއޭއާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
މާލިއްޔަތު ގާނޫނަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އިސްލާހުގައި އެސްޑީއެފްއާ ގުޅޭ މާއްދާތަކެއް ހިމަނާފައިވާނެ ކަމަށާއި އެސްޑީއެފްއަށް ހާއްސަ ކޮށްގެން ގާނޫނެއް ހެދުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް އަމީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ މާރުކޭޓުގައި ރާއްޖެއަށް އޮތް އިތުބާރު އިތުރުވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު