އަންނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިގުތިސޯދަށް ހުރި ގޮންޖެހުންތަކާއެކު ވެސް އަންދާޒާކުރި ވަރަށްވުރެ ރަނގަޅަށް ރާއްޖޭގެ އިގުތިސޯދާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަ ކަމަށާއި މިއަހަރަށް އަންދާޒާ ކޮށްފައިވާ އަދަދަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ.
އަދި އަންނަ އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި އަހަރަށްވުރެ ވެސް އިތުރުވާނެ ކަމަށާއި އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަން ތައްޔާރުކުރަމުން އަންނަ ބަޖެޓުގައި އެ އަދަދު 1.8 މިލިއަން އަށް އިތުރުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"2023 ވަނަ އަހަރު ތެރޭގައި އަޅުގަނޑުމެން މި އަންދާޒާ ކުރަނީ ކޮވިޑު19 އިގެ ކުރީގައި ހުރި މިންވަރަށް ވުރެވެސް މައްޗަށް ގެންދެވޭނެ ކަމަށް. އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެންގެ އަންދާޒާ އަކީ ގާތްގަނޑަކަށް 1.8 މިިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
ސަރުކާރުން އަންދާޒާ ކޮށްފައިވާގޮތުން މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 1.24 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިން ރާއްޖޭގައި އެވަރެޖްކޮށް ހޭދަކުރާ ރޭގެ އަދަދަށް ބަލާއިރު ބެޑްނައިޓްސް ހުރީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ހުރި މިންވަރަށްވުރެ މަތީގައެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖޭގެ ބެޑްނައިޓްސް ހުރީ 10.69 މިލިއަންގައެވެ. ނަމަވެސް މިއަހަރު އެ އަދަދު 11.87 މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. އެ ގައުމުން އަންނަނީ މާކެޓުގެ 14.2 ޕަސެންޓް ހިއްސާކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސި ވިލާތް ތިންވަނައަށް ޖައްސާލައި ރަޝިޔާ ވަނީ ދެވަނައަށް ޖެހިލައިފައެވެ. ރަޝިއާއިން މިހާރު އަންނަނީ ރާއްޖޭގެ މާކެޓުގެ 12 ޕަސެންޓު ހިއްސާކުރަމުންނެވެ. ކުރިއަތް އޮތީ ފިނި މޫސުމަށް ވާތީ ރަޝިއާ ޓޫރިސްޓުން ރާއްޖެ އަންނަ ވަރު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރެޖުކޮށް ދުވާލަކު 4،372 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު