ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ނަޕޯލީން މިރޭ ކުޅުނު މެޗުގައި އަޔެކްސް ބަލިކޮށް، ގަދަ 16 ޔަގީންކޮށްފިއެވެ.
ނަޕޯލީން މިރޭ އަމިއްލަ ދަނޑުގައި އަޔެކްސް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ގްރޫޕް އޭގައި ނަޕޯލީން ކުޅުނު ހަތަރު މެޗުވެސް އެޓީމުން ކާމިޔާބުކޮށްފައިވާ އިރު، އެޓީމު ވެފައިވަނީ މިފަހަރު ޗެމްޕިއަންސް ލީގުގެ އެންމެ ސަޕްރައިޒިން ޓީމަށެވެ. ވަރުގަދަ ލިވަޕޫލްވެސް 4-1 އިން ގްރޫޕް ސްޓޭޖުގައި ނަޕޯލީން ބަލިކުރި އިރު، ނަޕޯލީން ވަނީ ހަތަރު މެޗުގައި 17 ގޯލު ޖަހައިފައެވެ. އެޓީމު ކޮޅަށް ހަތަރު މެޗުން ވަދެފައިވަނީ އެންމެ ހަތަރު ގޯލެވެ.
އިޓަލީ ލީގުގެވެސް އެއްވަނައިގައި އޮތް ނަޕޯލީން ހަތަރު މެޗުން 12 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި އޮތް އިރު، އެ ގްރޫޕުގެ ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިންވަނައިގައި އަޔެކްސް އޮތް އިރު، ލިވަޕޫލަށް ލިބިފައިވަނީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ. އަޔެކްސްއަށް ހަތަރު މެޗުން ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި ޕޮއިންޓަކާއެކު އޮތީ ރޭންޖާސްއެވެ.
މިރޭގެ މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ނަޕޯލީން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެޓީމުގެ ފުރަތަމަ ގޯލު ހިރްވިން ލޮޒާނޯ ޖެހި އިރު، ދެވަނަ ގޯލު 16 ވަނަ މިނެޓުގައި ޖަހައިދިނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ، ހާފުގެ ކުރީކޮޅުގައި ޑޭވީ ކްލާސަން ބޮލުން ޖެހި ގޯލުން އަޔެކްސްއިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް 62 މިނެޓުގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީއެއްގައި ހިވިޗާ ވަރަޓްޝޭލީ އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނެވެ. އެ ޕެނަލްޓީއަކީ އަޔެކްސްގެ ޖުރިން ޓިމްބާ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ.
އަޔެކްސްއަށް މެޗުގެ ފަހުކޮޅުގައި ލިބުނު ޕެނަލްޓީއެއްގައި ސްޓެވަން ބާގްވިން ޖެހި ގޯލުން އެޓީމުން ދެވަނަ ފަހަރަށް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ވިކްޓޯ އޮސިމްހެން ޖެހި ގޯލުން ނަޕޯލީ އަނެއްކާވެސް ހަމަޖެހިލިއެވެ.
މިހާރު އޮތް ގޮތުން ނަޕޯލީއަށް ގްރޫޕުގެ އެއްވަނަ ގެއްލެންވެސް އޮތީ ލިވަޕޫލުން ބާކީ އޮތް މެޗުތައް ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެން އެކަންޏެވެ.
މިރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ކްލަބު ބްރޫޖުން ވަނީ 0-0 އިން އެތުލެޓިކޯ މެޑްރިޑް ހިފަހައްޓައިފައެވެ. މެޗުގެ ފަހުކޮޅުގައި ބްރޫޖްގެ ކަމާލް ސޮވާހަށް ރަތް ކާޑު ދެއްކި ނަމަވެސް އެޓީމުން ވަނީ ބަލިވިޔަ ނުދީ ހިފަހައްޓައިފައެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބްރޫޖުން އަދި ބަލިވެފައި ނުވާ އިރު، މިރޭގެ ޕޮއިންޓާއެކު ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ލިބިފައިވެއެވެ.
ހަތަރު މެޗުން 10 ޕޮއިންޓާއެކު ބްރޫޖު ގްރޫޕް ބީގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ޕޯޓޯއެވެ. ތިންވަނަގައި އޮތީ ފޯމު ދަށްކޮށް އޮތް އެތުލެޓިކޯ މެޑްރިޑެވެ.
ބްރޫޖަކީ ބެލްޖިއަމްގެ ކާމިޔާބު ޓީމެކެވެ. އެގައުމުގެ ލީގު 18 ފަހަރު ހޯދާފައިވާ ބްރޫޖު މިިހާތަނަށް 10 ފަހަރު ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު