ޔޫރަޕްގެ ގިނަ އެއާރލައިން ތަކުން އެޕަލް ކުންފުނީގެ އެއާޓެގް ބޭނުން ކުރުން މަނާ ކުރަންފަށައިފިއެވެ.
އެގޮތުން ޖަރުމަނުގެ އަދި ޔޫރަޕްގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ލުފްތަންސާއިން ދަތުރުކުރާއިރު ޗެކްކޮށްފައިވާ ލަގެޖުތަކުގައި އެޕަލް އެއާޓެގްސް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ލުފްތަންސާއިން ބުނީ އެކްޓިވޭޓް ކޮށްފައިވާ އެއާޓެގްތައް ލަގެޖުގައި ހަރުކުރުން މަނާ ކުރަމުން އަންނަ ކަމަށާއި އެއީ ނުރައްކާތެރި އެއާޓެގްތަކެއްގެ ގޮތުގައި ގިންތިކޮށްފައި ހުރުމުން، ނިއްވާލަން ޖެހޭތީ ކަމަށެވެ.
އެއާޓެގަކީ އެޕަލް އިން އުފައްދާފައިވާ ޓްރެކިން ޑިވައިސްއެކެވެ. ދަތުރުވެރިންގެ ފޮށި ވީ ހިސާބެއް ފަސޭހައިން ބަލައިލުމަށް އެއާޓެގް ބޭނުން ކުރުން ފަހަކަށް އައިސް އާންމުވުމުން އެކަމުގެ ބޮލުގެ ރިހުން ވަނީ ގިނަ އެއާލައިންތަކަށް ކުރިމަތިވެފައެވެ. ދަތުރުވެރިން ޗެކިންއަށް ދޫކޮށްލާ ފޮށީގެ ތެރޭގައި ހުންނަ އަގުބޮޑު ބައެއް މުދާ ވީހިސާބެއް ބެލުމަށް ބައެއްފަހަރު އެ މުދަލުގައިވެސް އެއާޓެގް އަޅުވައެވެ. ފޮށި ހަލާކުވާ ހާލަތެއްގައި އެމީހުންގެ އަގުބޮޑު މުދާ ހުރި ތަން ޓްރެކް ކުރުމަށް ދޫކޮށްލާ އެއާޓެގާ ހެދި އެއާލައިން ތަކަށް އެކި ކަހަލަ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެއާލައިންތަކުން ބުނެވެ.
އެހެން ނަމަވެސް އެއާލައިން އިންޑަސްޓްރީ މި ހޫނު މޫސުމުގެ ދަތުރުފަތުރަށް ފަށައިިގަތް އިރު، ހާއްސަކޮށް ލަންޑަންގެ އެއާޕޯޓު ފޮޓޯތަކުން ފެނިގެން ދިޔައީ އެއާޕޯޓުގައި ލަގެޖުތަކުގައި ޓެގް އެޅުވުން ގިނަވެފައިވާ މަންޒަރެވެ. ސަބަބަކީ ފޮށި ގެއްލުމާއި ފޮށި ހޯދަން އުނދަގޫވުމުން އެއާޓެގްސް ފަދަ ޓްރެކިން ޑިވައިސްތައް ބޭނުންކޮށްގެން ފަސޭހައިން ފޮށި ހޯދުމެވެ. އެކަން ކުރުމުން އެމީހުންގެ ތަކެތި ހުރި ތަން އަމިއްލައަށް މޮނީޓާކޮށް ފޮށި ހޯދަން، ދާގީނާ އަންނަ ހިސާބުގައި ގިނައިރު ނުތިބެ ސަލާމަތްވެއެވެ.