Close
ޚަބަރު

ރާއްޖެއަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑިއެއް

މުހައްމަދު އިޝާން

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިހާބުވެއްޖެއެވެ.

އދ.ގެ މައި މަރުކަޒުގައި މިރޭ ވަނީ އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިންތިހާބު ބާއްވައިފައެވެ.

އެ އިންތިހާބުގައި 14 ގޮނޑިއަކަށް 17 ގައުމަކުން ވަނީ ވާދަކޮށްފައެވެ. ރާއްޖެ އިންތިހާބުވެފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައަޅާފައިވާ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ. ރާއްޖެ އެ ގޮނޑިއަށް އިންތިހާބުވީ 154 ގައުމެއްގެ ވޯޓުންނެވެ.

ރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ގޮނޑިތަކަށް ބަންގުލަދޭޝް، ވިއެޓްނާމް، އަދި ކިރިގިސްތާން ވެސް ވަނީ އިންތިހާބުވެފައެވެ.

މިއީ އދ. އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެމްބަރުކަމަށް ރާއްޖެ އިންތިހާބުވި ތިންވަނަ ފަހަރެވެ. ރާއްޖެ އެންމެ ފުރަތަމަ އެ ގޮނޑިއަށް އިންތިހާބުވީ 2010 ވަނަ އަހަރު 185 ގައުމެއްގެ ތާއިދާއެކުއެވެ. އޭގެ އިތުރުން 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ވެސް ރާއްޖެއިން އެ މަގާމު އަދާކުރިއެވެ. އަދި އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ހައިސިއްޔަތުން އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެއިން ކުރިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ގޮނޑިތައް ބަހާފައިވަނީ ސަރަހައްދީގޮތުން އދ.ގެ ހުރިހާ މެމްބަރުން ތަމްސީލުވާ ގޮތަށެވެ. އެ މަޖިލިސް އެކުލެވިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ހައްގުތަކާ ހިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމަށެވެ.

އެ ޖަމިއްޔާގެ މެމްބަރުކަމުގެ ދައުރަކީ ތިން އަހަރެވެ. އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ގޮނޑިތަކަށް މިރޭ އިންތިހާބުވި މެމްބަރު ގައުމުތަކުގެ ދައުރު ފެށޭނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ރާއްޖެއިން ވަނީ އދ. ސެކިއުރެޓީ ކައުންސިލަށް ވެސް ވާދަކޮށްފައެވެ. އެ އިންތިހާބުގައި އިންޑޮނޭޝިއާއާ ވާދަކޮށް ރާއްޖެ ވަނީ ބަލިވެފައެވެ.