އޮންލައިން ވިޔަފާރިއަކީ ރާއްޖޭގައިވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ދާއިރާއެކެވެ. ގިނަބައެއްގެ ތަރުހީބު ލިބި، އެތައް ބަޔަކަށް ތަފާތު ދާއިރާތަކުން ބޮޑެތި މަންފާތައް ލިބެމުން އަންނަ ދާއިރާއެކެވެ. ހާއްސަކޮށް ކޮވިޑު19 ގައި ރާއްޖެއަށް ދިމާވި ފުރަބަންދުގެ ހާލަތާއެކު މިކަން ވަނީ ވަރަށް ބޮޑަށް ތައާރަފުވެ، މީހުންގެ ތެރޭގައި އާންމުވެސް ވެފައެވެ. މީގެ ތެރެއިން އެންމެ ހާއްސަކޮށް ފާހަގަ ކުރެވޭ އެއްކަމަކީ އޮންލައިންކޮށް ކިޔަވައިދިނުމެވެ. ކޯސްތައް ކުރިއަށްދާ ގަޑީގެ ގޮތުން، ވަޒީފާގެ ގޮތުން، ރަށުން ބޭރަށް ނުދެވޭތީއާއި މިނޫންވެސް ސަބަބުތަކާ ހެދި ކިޔަވަން ބޭނުންވާ ދާއިރާތަކުން ކުރިއަށް ނުދެވި ތިބޭ ފަރާތްކަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ނަސީބެކެވެ. އަމުދުން ދިވެހިރާއްްޖޭގެ 'އެމްކިއު'ލެވެލްއަށް ކޯސް ހެދޭގޮތް ވުމަކީ ގިނަފަރާތްތަކަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެކެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ ފަހުގެ ޓެކޮނޮލަޖީތައް ބޭނުންކޮށްގެން ކިޔަވައިދެވުނު އެންމެ ރަނގަޅަށް އޮންލައިންކޮށް ކިޔަވައިދިނުމަށް. މި އެކަޑަމީން މި ވަގުތު ކުރިއަށްދަނީ ކޭކު، ޕޭސްޓްރީ އަދި ކެއްކުމާބެހޭ ކޯސްތައް. ފުރަތަމަ ފެށިއިރު ގުރުއާން ކުލާސްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާނެ. ކުރިއަށް އޮތްތާނގައި އިތުރު ދާއިރާތަކުންވެސް ކުދި ކޯސްތައް ހިންގުމަށް ރާވަމުން މިދަނީ." 32 އަހަރުގެ ފާތީ އޭނާގެ "ޑިޖި އިލްމު އެކެޑަމީ"އާ ބެހޭގޮތުން "ވަން"އަށް މައުލޫމާތު ދެމުން ބުންޏެވެ.
ބޮޑުތިލަދުންމަތީ، ބާރަށަށް އުފަން އެރަށު އަބްދުލް އަނީ ހަސަނާއި މުނީރާ އަހުމަދުގެ އެންމެ ހަގު ދަރިފުޅު ހައްވާ ފާތިނާ އަކީ މިހާރު ހައްދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ދިރިއުޅޭ، އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުރިއަރަމުން އަންނަ، އެކެޑެމީއެއް ހިންގާ ހީވާގި ޒުވާނެކެވެ. ފާތީ، އޯލެވެލް ނިންމުމަށްފަހު، ކޮންމެވެސް އަމިއްލަ މަސައްކަތެއް ކުރަން ބޭނުންވެ، އެކަން ކުރާނެ ގޮތަކާމެދު ވިސްނަމުން ދިޔަ ދުވަސްތަކުގެ ތެރޭގައި 'އޮންލައިން'ކޮށް ތަފާތު އެކި ކޯސްތައް ކިޔަވައިދޭ "އިރުބެ އެކެޑަމީ"ގެ މައުލޫމާތު ފާތީއަށް ލިބުނެވެ. އޭރުވެސް ފާތީ ދިޔައީ އޮންލައިންކޮށް ގިރާއަތު ކޯހެއްގައި ކިޔަވަމުންނެވެ. "އިރުބެ އެކެޑަމީ"އިން ކުރިއަށް ގެންދިޔަ ވިޔަފާރިކޯހެއްގައި ފާތީ ބައިވެރިވިއެވެ. އެކޯހުގައި ވަރަށް ރަނގަޅަށް އެފަދަ ވިޔަފާރިތައް ކުރާނެ ގޮތްތަކާއި އަދިވެސް އެހެނިހެން ވިޔަފާރިކުރިއަށް ގެންދާނެގޮތުގެ މުހިންމު މައުލޫމާތު ލިބުނުކަމަށް ބުންޏެވެ.
ގުރުއާނުގެ 3 ޓީޗަރުންނާއި ޕޭސްޓްރީ އާއި ކެއްކުމުގެ ދާއިރާއަށް ހާއްސަކޮށްގެން 2 ޓީޗަރުންނާއެކު ފާތީ ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ އެތައް ބައެއްގެ ތަރުހީބާއި ލޯބި ލިބިގެންނެވެ. ކުޑައިރުއްސުރެ މަންމައާއި ބައްޕަގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ފެނި، ފާތީވެސް އެކިކަހަލަ މަސައްކަތްތަކަށް ޝައުގުވެރިވެއެވެ.
މަންމަ ސިއްހީ އެހީތެރިޔަކަށް އުޅެމުންވެސް ފެހުމާއި މާޖެހުން ފަދަ މަސައްކަތްތައް ކުރެއެވެ. ހަމަ އެގޮތަށް ބައްްޕައަކީ، ސަރުކާރު ވަޒީފާއެއްގައި އުޅެމުންވެސް ރޭނުމާއި ހިތާނުކުރުމާއި ވަޑާންކުރުމުގެ ތެރޭގައި އުޅުނު މީހެކެވެ. އެހެންކަމުން އަބަދުވެސް ކަންތައްތައް ދަސްކުރުމަށް މައިންބަފައިން ބާރުއަޅައެވެ. މިހާރު ބޭނުން ހިފަން ނުޖެހުނު ނަމަވެސް، އުނގެނިފައި ހުރުމުން، ބޭނުން ޖެހޭފަހަރު އެނގިފައި ހުރުމުގެ ފައިދާ ފެންނާނެކަމަށް ބުނެ ބައްޕަ، ފާތީއަށް ކިޔެވުމަށް ބާރުއެޅިއެވެ. މައިންބަފައިންގެ އެއްބާރުލުމާއި ފާތީއަށް ދިން ހިތްވަރާއި ބާރުއެޅުމުގެ ސަބަބުން، ތަފާތު، ގިނަ ދާއިރާތަކުން ފާތީ ވަނީ ކޯސްތައް ހަދާފައެވެ. ފާތީ ނިންމާފައިވާ ކޯސްތަކުގެ ތެރޭގައި:
- ސެޓްފިކެޓް 3 އަދި 4 އިން އޮފީސް މެނޭޖްމެންޓް
- ކޭކު ޒީނަތްތެރި ކުރުމުގައި ދިވެހި ބޭސިކް އަދި އެޑްވާންސް
- ފަހާކޯހުގެ ބޭސިކް އަދި އެޑްވާންސް
- ބެއިރޫ އޮންލައިން ކުރު ކޯސްތައް
- އައިސްކްރީމް މޭކިން ފޮ ބިގިނާސް
- ޕަފް ޕޭސްޓްރީ މާސްޓަރ ކްލާސް
- އޯލް އެބައުޓް ކޭކްސް
- އޯލް އެބައުޓް ކަޕްކޭކްސް
- އޯލް އެބައުޓް ކުކީސް
- 30 ޔުނިވާސަލް ސޯސްސް އެންޑް ޑިޕްސް
- ފޭސްބުކް އެޑްސް އަދި ފޭސްބުކް މާކެޓިންގ މާސްޓަރީ 2022 (އަދި ނުނިމޭ)
- އޮންލައިން ކޯސް އުފެއްދުމާއި މާކެޓިން (އަދި ނުނިމޭ)
ފާތީއަކީ އަބަދުވެސް ރަށުގައި ދިރިއުޅެމުން އަންނަ މީހަކަށް ވާތީ ލިބެން އޮންނަ ފުރުސަތުތަކުގެ ހަނިކަން ހިތަށް އަރައި، އެކަމާ ފިކުރުކުރެވެއެވެ. ކިޔަވަން ބޭނުން ވިޔަސް، ކޯހެއް ހަދަން ބޭނުންވިޔަސް، ސިއްހީ ފަރުވާއަކަށްވިޔަސް ވިޔަފާރިއެއް ފެށުމަށް ބޭނުންވިޔަސް ހުންނަ ގޮންޖެހުންތައް ގިނައެވެ. އެހެންކަމުން އެފަދަ ގޮންޖެހުންތައް ހުރަސްކުރުމަށް ފާތީ ގިނަ ކޯސްތަކެއް ހެދިއެވެ. އެފަދަ އޮންލައިން ކޯސްތަކުގެ ސަބަބުން އަމިއްލަ ރަށުގައި އަމިއްލަ ގޭގައި އާއިލާ ބަލަަހައްޓަމުން ކަންކަން ދަސްކުރުމަށް ގިނަ ފުރުސަތުތައް ލިބުމުގެ އުފާވެރިކަން ތަޖުރިބާ ކުރެވުމުން ފާތީ ބޭނުންވީ އެހެންމީހުންނަށްވެސް މިފުރުސަތުތައް ހޯދައިދިނުމަށެވެ. އޭނާގެ އެކެޑަމީގެ އަޒުމަކީ މިއީއެެވެ.
މިއަހަރުގެ މެއި މަހު ފެށި އެކެޑަމީއަށް ހަމަސް ވީއިރު އެންމެ ފުރަތަމަ އަމާޒުކުރި މިސްރާބަށް ވާސިލު ވެވިއްޖެކަމަށް ފާތީ ބުންޏެވެ. ޑިޖިޓަލް އިލްމަށް ހާއްސަކުރުމަށް އަމާޒު ހިފާފައިވާތީ "ޑިޖި އިލްމު އެކެޑަމީ"ގެ ނަމުން ނަންދީފައިވާ މިއެކެޑަމީން ކުރިއަށް ގެންދާ ބައެއް ކޯސްތައް ތިރީގައި އެވަނީއެވެ.
- ފްލޭވަރ ކޭކް ކޯސް
- ޕޭސްޓްރީ ކޯސް
- ފަސްޓް ފުޑް ކޯސް
- ޕާޓީ ޑެސަރޓް ކޯސް
- ގޭގައި ހަދާ އައިސްކްރީމް ހެދުމުގެ ކްލާސް
- ކެއްކުމުގެ ކޯސް
ފާތީ ކިޔައިދިން ގޮތުގައި އޭނާގެ އެކެޑަމީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. މިކަމަކީ ކުރަން ޖެހޭ ގޮތަށް، ރަނގަޅަށް ކުރާނަމަ ވަރަށް ފައިދާވެސް ބޮޑު ނަފާވެރި މަަސައްކަތެއް ކަމަށްވެސް ބުންޏެވެ. ހާއްސަކޮށް އާއިލާއާ ގާތުގައި އެކުއެކީގައި އުޅެމުން ކުރަން މިއީ ވަރަށް ރަނގަޅު މަސައްކަތެކެވެ. ކޮންމެ ދާއިރާއަކީވެސް ހުރަސްތަކާއި ދަތިތައް އޮތް ދާއިރާއަކަށްވާތީ މިދާއިރާގައިވެސް ހުރަސްތައް އެބަހުއްޓެވެ.
"މިކަމުގައި އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ އޮންލައިން ކޯސްތަކާބެހޭ ގޮތުން ގިނަ ބޭފުޅުން ދެކިލައްވާ ގޮތް. ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަނީ އޮންލައިންކޮށް ދަސްވާނެ އެއްޗެއް ނޯންނާނޭ. އަޅުގަނޑު ބުނާނީ ފުރަތަމަ ތަޖުރިބާ ކޮށްލާށޭ. އެއަށްފަހު ޖަޖު ކޮށްލާށޭ. ކޮންމެ ކަމެއްގައިވެސް އެޑްވާންޓޭޖާއި ޑިސްއެޑްވާންޓޭޖް އޮންނައިރު މިކަމުގައިވެސް ހަމަ ވަރަށް ގިނަ ފައިދާތައް ހުރޭ."
ދެން އޮތް ގޮންޖެހުމަކީ އޮންލައިންކޮށް ކިޔަވައިދިނުމަށް އަހުލުވެރި މުދައްރިސުން ހޯދުމެވެ. މަސައްކަތުގެ ތަޖުރިބާ ހުރި ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް ގިނަފަރާތްތަކަށް ވަރަށްވެސް ބީރައްޓެއްސެވެ. އެހެންކަމުން މުދައްރިސުން ހޯދުމުގައ ވަރަށް ސަމާލުވާން ޖެހެއެވެ.
ފާތީއަށް ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ ބޭނުންވި މަގުސަދު ހާސިލުކުރެވިފައެވެ. ރަށްރަށުގައި ދިރިއުޅޭ އެތައް ބަޔަކަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ކުރާނެ މަސައްކަތެއް ދަސްވެ، އެ މަސައްކަތުން އެމީހުން ނަފާ ހޯދާތަން ފެނުމަކީ ފާތީއަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ފާތީ މިއެކެޑަމީ ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ އެއީއެވެ.
ކިޔަވާ ކިޔެވުމަށްވުރެ ބޮޑަށް މީހާގެ ދިރިއުޅުމުގައި އޭނާއަށް ކާމިޔާބާއި ހަމައަށް ދެވެނީ ދިރިއުޅުމުގައި ތަޖުރިބާ ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. ދިރިއުޅުމުގައި މިހާތަނަށް ކުރިމަތިވި ކޮންމެކަމަކީ މިއަދާއި ހަމައަށް އޭނާއަށް އާދެވުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށް ފާތީ ދެކެވެ. އެގޮތުން މަސައްކަތް ކުރެވުނު ދާއިރާތަކާއި، ހަދާފައިވާ ކޯސްތަކަކީ ފާތީގެ މަސައްކަތަށް ލިބެމުން އަންނަ ބޮޑު ކުރިއެރުންތަކުގެ އަސްލެވެ. އެހެންނަމަވެސް ލޮބުވެތި މައިންބަފައިންނާއި ލޯބިވާ ފިރިމީހާއާ ނުލައި އޭނާއަކަށް މިކާމިޔާބީއާ ހަމައަކަށް ނާދެވޭނެއެވެ. އެހެންކަމުން އެމީހުންނަށް ފާތީ ފަށްފަށުން ޝުކުރު އަދާކުރެއެވެ. ކޯސްތައް ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކިޔަވައިދެއްވާ ފަރާތްތަކުގެެ ތަޖުރިބާއާއި، ހިތްހެޔޮކަމާއި އެމީހުންގެ މިންނެތް ބުރަ މަސައްކަތް ކަމަށްވާތީ ފާތީ އޭނާގެ ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއެވެ.
އެންމެ ފުރަތަމަ މިއެކެޑަމީ ހުޅުވުމުގެ ވާހަކަ ފެށިއިރުވެސް ތަކުރާރުކޮށް އެމީހަކަށް ޝުކުރުގެ ބަސްތައް ބުނަމުން އަދި ވާހަކަދައްކަމުން ދިޔައިރުވެސް އެކިފަހަރުމަތިން ފާތީ ތަކުރާރުކުރި އެއްނަން އެންމެ ހާއްސަ ޝުކުރެއް އަނެއްކާވެސް "އިރުބެ އެކެޑަމީ"ގެ އިރުފާންސަރއަށް އަދާކުރާކަމަށް ބުންޏެވެ. އިރުބެއާ ނުލައި ފާތީއަށް މިއީ ވާނެކަމެއް ނޫންކަމަށްވެސް ފާތީ ބުންޏެވެ.
ފާތީގެ އަމާޒަކީ ޑިޖިޓަލް އިލްމު ފެތުރިގެން ދިއުމެވެ. އެކަން އެބަވޭމެއެވެ. ޒަމާނާއެކު ކުރިއަރައިގެން އަންނަ މިގައުމުގައި ފަހުގެ ޓެކްނޮލޮޖީތަކާއެކު ޑިޖިޓަލްކޮށް ކިޔެވުން ކުރިއަށް ގެންދިއުމެވެ. ފާތީ އުއްމީދުކުރަނީ މި އެކަޑަމީގެ މަސައްކަތްތައް މިއަށްވުރެވެސް ފުޅާވެ، ތަނުގެ އަމިއްލަ ކެމްޕަހެއް ހުޅުވި، ސީދާ ބައްދަލުވެ، އެއްތަނެއްގައި ތިބެގެންވެސް ކޯސްތައް ކުރިއަށް ގެންދެވޭނެ ދުވަހެއް ފެނިގެންދިއުމެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް