ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލު މިއަދުގެ ޖަލްސާގައި ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 32 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ. ބިލު އިތުރަށް ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ.
އަންނަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށަން ނިންމާފައިވާ އެ ބިލުގައި ބުނެފައިވަނީ އެ އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ.
މި އިސްލާހުގައި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައި ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ. އަދި ޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވަނީ ހަ ޕަސެންޓުން އަށް ޕަސެންޓަށެވެ.