ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރުމުން ދޭ އިނާޔަތްތައް ކަނޑާލަން ހުށަހެޅި ބިލު ބަލައެއް ނުގަތް

އިބްރާހިމް ޒަކީ

ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ކުރުމުން ދޭ އިނާޔަތް ކަނޑާލަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިނުގަތުމަށް ނިންމައިފިއެވެ.

މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ. އެއީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނާއި އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން އަމިއްލަ މެންބަރެއް ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެ ބިލު ބަލައިނުގަތުމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ބޭނުންވަނީ 19 މެންބަރުންގެ ވޯޓެވެ.

އުޝާމް މި ބިލު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނި ކުރުމަށެވެ.

އެ މާއްދާގައި ބުނަނީ، މަޖިލީހުގައި އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މާލީ އިނާޔަތްތަކުގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ދެ ދައުރު މެންބަރުކަން އަދާކޮށްފައިވާ މީހަކަށް މުސާރައިގެ 45 ޕަސެންޓް ދޭންވާނެ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލިސް މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާކޮށްދޭންވާނެ ކަމަށާއި، ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ބިލު ހުށަހަޅުވައިދެއްވަމުން އުޝާމް ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

"އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް މިފާޓީން ނުދެކޭތީ. މީގެ އިތުރުން އެމްއެންޕީން ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހަކީ މެންބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންޖެހޭ މަޖިލީހެއް،" އުޝާމް ވިދާޅުވިއެވެ.