ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނުއަސާސީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ގާސިމް ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމަށް ވޯތު ދެއްވީ، އެންމެ ހަތް މެންބަރުންނެވެ. ބިލު ބޭރުކޮށްލީ 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިގަންނަން ބޭނުންވަނީ 17 ވޯޓެވެ.

ބިލު ބަލައިގަތުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ސަނީފާއި ޖުމްހޫރީ ޕާޓީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި އެ ޕާޓީގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސައިނާއި އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި އިދިކޮޅު ޕީއެންސީގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަޒުލް ރަޝީދުގެ އިތުރުން އަމިއްލަ މެންބަރެއް ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

މި އިސްލާހު ހުށަހަޅުއްްވަމުން ގާސިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގެ އުސޫލަށް އަމަލުކުރުމުގައި 2008 އޮގަސްޓް ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ބޭއްވުނު މަޖިލިސް އިންތިހާބުތަކުގައި މެންބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުން އަންނަ ކަމަށެވެ.

ދެހާސް ނުވަވަނަ އަހަރު ބޭއްވުނު މަޖިލީހުގެ އިންތިހާބުގައި 77 މެންބަރުން އިންތިހާބު ކުރެވިފައިވާ އިރު، 2014 ވަނަ އަހަރުގެ އިންތިހާބުގައި 85 މެންބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހަށް 87 މެންބަރުން އިންތިހާބުކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް މެންބަރުންގެ އަދަދު އިތުރުވަމުންދާނެތީ މަޖިލީހަށް ބޭނުންވާ އަދަދަށްވުރެ މާގިނަ މެންބަރުން އިންތިހާބު ކުރުމަކީ އިގުތިސޯދީ ގޮތުންނާއި އަދި އޭނުންވެސް ގޮތްގޮތުން ގޮންޖެހުން ދިމާވާނެކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނުއަސާސީން ނިންމާފައިވާ ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުގައިވަނީ، މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ މިހާރު ތިއްބެވި އަދަދު ކަމަށްވާ 87 މެންބަރުން ކަމުގައި ކަނޑައެޅުމަށެވެ. އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ހިމެނުމަށެވެ.