ޚަބަރު

ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް ތަރައްގީކުރަނީ

މުހައްމަދު އިޝާން

ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް ތަރައްގީކުރުމަށް އެ އަތޮޅު ކައުންސިލުން ލެވިނާ ހޮޓަލްސް އެންޑް ރިސޯޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވ. އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްލޯޓިން ރިސޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޝުޖާއު އަލީއެވެ. ލެވީނާ ހޮޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާއި ނައިބު ރައީސް ޑރ. ވަރިސާ ލިމްސަކުލްއެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު "ވަން" އަށް މިރޭ ވިދާޅުވީ، އެ އަތޮޅުގައި ފްލޯޓިން ރިސޯޓެއް ތަރައްގީކުރުމަށް ލެވީނާ ހޮޓަލްސް އެންޑް ރިސޯޓުގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލުންނާއި ލެވިނާ ހޮޓަލްސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"ލެވީނާ ހޮޓަލްސް އެންޑް ރިސޯޓްސްގެ ފަރާތުން ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް ހެދުމަށް ޝައުގުވެރިކަން ފާޅުކުރުމުން އެއީ ރަނގަޅު ކަމަކަށްވުމުން މި ކައުންސިލުން ވަނީ ލެވީނާ ހޮޓަލްސް އެންޑް ރިސޯޓްސްއާއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެން ކުރިއަށްދާނީ ފްލޯޓިން ރިސޯޓު ހެދުމުގެ އަގުތަކާއި އެ ރިސޯޓު ތަރައްގީކުރާނެ ތަނެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި އޭރިއަލް ފޮޓޯތަކުން މިހާރު ތިން ތަނެއް ފާހަގަވެފައިވާ ކަމަށެވެ. އަދި ރިސޯޓު އަޅާނީ ފްލޯޓިން ރިސޯޓަކަށް ފުންމިން ލިބޭނެ ފަޅެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

"އެތެރެވަރީގައި ވެސް އަދި ދެފަޅީގެ ދުނީގައި ވެސް ހުންނާނެ ފަރުތައް. ރިސޯޓު އެޅުމަށް ނިންމާނީ އެ ޑެޕްތު ލިބޭނެ ފަޅުތައް. އެކަމާ ގުޅުންހުރި ބައެއް ޓެކްނިކަލް މަސައްކަތް މިހާރު ކުރެވެމުން ދަނީ. ދެ މޫސުމަށް ވެސް ފިޓްވާ ގޮތަކަށް، ކަނޑު ގަދަޔަސް ފިޓްވާ ގޮތަށް ރިސޯޓުގެ ކަންކަން ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވިއެވެ.

ފްލޯޓިން ރިސޯޓު އެޅުމުގެ ކަންކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި މިނިސްޓްރީތަކާއެކު މަޝްވަރާކުރަމުންދާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފްލޯޓިން ރިސޯޓު އެޅުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ލެވީނާ ހޮޓަސްގެ ފަރާތުން ފްލޯޓިން ރިސޯޓުގެ ޕްރޮޕޯސަލް ލިބުމުން އެކަމަށް އެއްބަސްވީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކަށް އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކައުންސިލުގެ މާލިއްޔަތު އިތުރުކުރުމަށާއި ވިޔަފާރިކުރުމަށް ހުރަހެއް ނެތުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ވ. އަތޮޅުގައި އާދައިގެ ރިސޯޓު ތަރައްގީކުރަން ބޭނުންނުވާ ކަމަށާއި އެ އަތޮޅަށް ތައާރަފުކުރަން ބޭނުންވަނީ ޓޫރިޒަމްގެ އާ ކޮންސްޕެޓުތައް ކަމަށެވެ.