ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯޝަން ޖިއޯގްރަފިކް ސޮސައިޓީ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ފޮޓޯ މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިރާގުން މިއަދު ބުނީ، އެ ފޮޓޯ މުބާރާތުގެ މަގުސަދަކީ ފަރުތަކުގެ ސިއްހަތު ބެލުމަށް ކޮންމެ އަހަރަކު އެފަދަ ޗެކަޕެއް ކުރިއަށްގެންދިއުން ކަމަށާއި އެއް ދުވަހަށް ކުރިއަށްގެންދާ އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަރުތަކަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މައިގަނޑު ސަބަބު ކަމަށާއި މުބާރާތުގެ ޒަރިއްޔާއިން ބޭނުންވަނީ ކަނޑުގެ މާހައުލުގެ ސިއްހަތަށް އިތުރު ސަމާލުކަމެއްދީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދުޅަހެޔޮކަންމަތީ އެ މާހައުލު ބޭއްވުން ކަމަށެވެ. ދިރާގާއި އޯޝަން ޖިއޯގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައިންސް އޮފް ޑައިވް އޮޕަރޭޝަންސްއިން މުބާރާތަށް ދޭ އެއްބާރުލުމަށް ޑރ. މައުސޫމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ދިރާގުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށް ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތުގައި ފޮޓޯ ނެގުމަށް މަޝްހޫރު 50 ޑައިވިން ސައިޓެއް ކަނޑައަޅާފައިވާ ކަމަށާއި އެއް ސައިޓަށްވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެން ވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް ފޮޓޯ ނަގާ ކޮންމެ ސައިޓަކުން ފަސް ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ މުބާރާތުގެ ފޮޓޯ ބައިނަލްއަގުވާމީ ޖަޖިން ޕެނަލްއަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އޮނަރަބަލް މެންޝަން ހޮވާނެ ކަމަށް ދިރާގުން ބުންޏެވެ.
މުބާރާތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމެންޓުގައި ބައިވެރިވިކަމުގެ ކޮންޓްރިއުބިޝަން އޮފް އެޗީވްމެންޓް ސެޓްފިކެޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު