އުމުރުން އެންމެ 24 އަހަރުގައި ބްރައިޓަންގެ ޒުވާން މިޑްފީލްޑަރު އިނޮކް އެމްވެޕޫގެ ކެރިއަރު ނިންމާލަން ޖެހިއްޖެއެވެ.

އެމްވެޕޫ ކެރިއަރު ނިންމާލަން ޖެހިފައިވަނީ ހިތުގެ މައްސަލަތަކެއްގެ ސަބަބުން ޑޮކްޓަރުން ދީފައިވާ ލަފައަކާ ގުޅިގެންނެވެ. އެމްވެޕޫގެ ހިތުގެ މައްސަލަތަކެއް ހުރިކަން އެނގިފައިވަނީ އެންމެފަހުން ގައުމީ ޓީމުތަކުން ކުޅުނު މެޗުތަކަށް ޒަމްބިއާއަށް ދިޔަ މަގުމަތީގައެވެ. އިނގިރޭސިވިލާތުން އެމްވެޕޫ ޒަމްބިއާއަށް ދިޔަ ފްލައިޓު މަތީގައި ސިއްހީ ބައެއް މައްސަލަތައް ދިމާވެ ޓެސްޓު ހަދާފައިވާ އިރު، ޓެސްޓުތަކަށްފަހު ޑޮކްޓަރު ބުނެފައިވަނީ ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރިވެވެން ނެތް ކަމަށެވެ.

ޒުވާން މިޑްފީލްޑަރު އެމްވެޕޫ ބްރައިޓަންއަށް ގޮސްފައިވަނީ ރެޑްބުލް ސާލްސްބާގުންނެވެ. އެއީ 2021 ވަނަ އަހަރުއެވެ. އަރަމުން އަންނަ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި އެމްވެޕޫ ފާހަގަވެފައިވާ އިރު، އޭނާ ވަނީ ބްރައިޓަންގެ ޖާޒީގައި 27 މެޗެއް ކުޅެފައެވެ.

ކެރިއަރު ކުރުކޮށްލަން ޖެހުމާއެކު އެމްވެޕޫ ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ. އޭނާ ބުނެފައިވަނީ ޒަމްބިއާގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ޗަމްބީޝީއަށް ނިސްބަތްވާ ޒުވާން ކުޅުންތެރިޔަކު ކޮންމެހެންވެސް ބުނަން ޖެހޭ ވާހަކައެއް އެބައޮތް ކަމަށެވެ.

"އެންމެ މަތީ ފަންތީގައި ކުޅުމުގެ އުންމީދުގައި އަބަދުވެސް ހުރި ކުޅުންތެރިއަކަށް އެކަން ހާސިލުވެއްޖެ. ޕްރިމިއާ ލީގަކީ އެކަން ހަގީގަތަކަށް އައި ލީގު. އެހެން ނަމަވެސް ބައެއް ހުވަފެންތައް ނިމުމަކަށް އަންނާނީ ހީނުކުރާ ގޮތަކަށް. އަހަރެން ހިތާމައާއެކު މިއަދު މި އިއުލާނުކުރަނީ އަހަރެންގެ ފުޓުބޯޅަ ބޫޓު ބާލަން ޖެހިއްޖެކަން. އެއީ ސިއްހީ ގޮތުން އެކަން ކުރެވެން ނެތުމުން،" އެމްވެޕޫ ބުންޏެވެ.

އެމްވެޕޫ ބުނެފައިވަނީ ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލަން ޖެހުނު ނަމަވެސް ފުޓުބޯޅައިން ދުރަށް ނުދާނެ ކަމަށާއި، ފުޓުބޯޅައިގެ ތެރޭގައި ކޮންމެވެސް ހިސާބަކުން ފެންނާނެ ކަމަށެވެ. އޭނާގެ މެސެޖުގައި ކުރީގެ ކްލަބުތަކަށާއި، އާއިލާގެ އިތުރުން އަންހެނުންނާއި ޒަމްބިއާ އެފްއޭއަށް ޝުކުރު އަދާކޮށްފައިވެއެވެ.