ނައިބު ރައީސް ފައިސަލް ނަސީމް، ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސް ރ. އަތޮޅަށް ކުރެއްވި އެ ދަތުރުގައި ވަޑައިގެންފައިވަނީ އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، ދުވާފަރު އަދި ވަންދޫއަށެވެ.
އެ ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ނައިބު ރައީސް ވަނީ ހިޔާލު ބަދަލުކުރައްވައިފައެވެ. އަދި އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަަވައި މަޝްރޫއުތައް ހިނގަމުންދާ ގޮތް ނައިބު ރައީސް ބައްލަވައިލެއްވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ވެސް ޒިޔާރަތްކުރައްވައިފައެވެ. އެ ޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.
ނައިބު ރައީސް ރ. އަތޮޅަށް ކުރެއްވި އެ ދަތުރުގައި ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވިއެވެ. އެ ހަފުލާގައި، "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އަތްތެރި މަސައްކަތުގެ މައުރަޒުން ރަންވަނަ ހާސިލުކުރި ފަރާތްތަކަށާއި، އަތޮޅު ރިސޯޓް އެވޯޑު ހާސިލުކުރި ދެ ރިސޯޓަށް އެވޯޑު ހަވާލުކޮށްދެއްވީވެސް ނައިބު ރައީސެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު