ޚަބަރު

ތިންވަނަ ކުއާޓާ ނިމުނުއިރު ދައުލަތުގެ އާމްދަނީ 20 ބިލިއަނަށް

މުހައްމަދު ޖަމްޝަތް ވަހީދު

މިއަހަރުގެ ތިން ކުއާޓާގައި ލިބުނުއިރު ދައުލަތުގެ އާމްދަނީ 20 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މާލީ ހާލަތު ހާމަކޮށް ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 20.34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއަހަރަށް ދައުލަތަށް ލިބޭނީ ކަމަށް ލަފާކޮށްފައިވަނީ 24.27 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.36 ބިލިއަން ރުފިޔާ އިތުރު އާމްދަނީއެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 14.9 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރަށް ޓެކުހުން ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި އަންދާޒާކޮށްފައިވާ އާމްދަނީ ގާތްގަނޑަކަށް ވަނީ ހަމަވެފައެވެ. ސެޕްޓެމްބަރުގެ ނިޔަލަށް ޓެކުހުން ލިބުނު އާމްދަނީ 14.87 ބިލިއަން ރުފިޔާއަށް އަރާއިރު މިއަހަރަށް އަންދާޒާ ކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޓެކުހުން ދައުލަތަށް ލިބުނު ކަމަށް ރެކޯޑު ކޮށްފައިވަނީ 10.6 ބިލިއަނެވެ.

އަހަރު ނިމެން ބާކީ ތިން މަސްދުވަސް އެބައޮތެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރާ ތަފާސް ހިސާބުތަކަށް ބަލައި އަންދާޒާ ކޮށްލާ އިރު، އަހަރުގެ ބާކީ މިއޮތް މުއްދަތުގައި ޓެކުހުން އަދި 30 މިލިއަން ރުފިޔާ އަށްވުރެ އިތުރު އާމްދަނީއެއް ލިބޭނެއެވެ.

ޓެކްސް އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ޖުމުލަ 7.28 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ވިޔަފާރިއާއި، ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 3.88 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު ޖުމުލަ 5.3 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެކި ތަންތަނުން ނަގާފައިވާ ކުއްޔާއި ފީ އިންނެވެ. މިގޮތުން އެކިއެކި ފީ އާއި ޗާޖުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ރިސޯޓު ކުލީގެ ގޮތުގައި އެކަނިވެސް 1.35 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖޫރިމަނާގެ ގޮތުގައި 635 މިލިއަން ރުފިޔާ އަދި ލައިސަންސް ފީގެ ގޮތުގައި 574 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ އިތުރުން ކެޕިޓަލް ރިސިޕްޓުގެ ގޮތުގައި 14 މިލިއަން އަދި ގްރާންޓުގެ ގޮތުގައި 271.6 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.