ތިން ފަހަރެއްގެ މަތިން އިސްލާހުކޮށް ފޮނުވުމުންވެސް މާލޭގެ ލޭންޑް ޔޫސް ޕްލޭން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ފާސްކޮށްދީފައި ނުވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ބައެއް ކަންކަމުގައި އެއްބާރުލުން ނުދޭ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އޮތުން އޭނާ ފާހަގަކުރެއްވިއެވެ.

"މިދިޔަ ނޮވެންބަރުގައި އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭން ހުށަހެޅީ. މިއަދު މިއޮތީ އޮކްޓޫބަރު އައިސްފައި. ތިން ބުރަށް ރަނގަޅުކޮށްފިން. އެބޭފުޅުން ބޭނުންވި އިސްލާހުތައް ގެނެސް ފޮނުވައިގެން މިއުޅެނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ސިޓީ ކައުންސިލުގެ ބައެއް މަޝްރޫއުތަކަށް އަސަރުކުރާ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުގައި ކަމެއް އިސްލާހުކުރަން ނެތް ނަމަ ލޭންޑް ޔޫސް ޕްލޭން ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ފާސްކުރަން ޖެހޭނެއެވެ.

ލޭންޑް ޔޫސް ޕްލޭނަކީ، އެ ރަށެއްގެ ބިން ތަރައްގީ ކުރުމަށް ޓެކްނިކަލް ފެންވަރުގައި، ރައްޔިތުންގެ ހިޔާލު ހޯދައިގެން ތައްޔާރުކުރަން ގާނޫނުގައި ލާޒިމުކުރާ އެއްޗެކެވެ.