ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް، ދައުލަތުން 348 މިލިއަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ހުކުމް ކުރުން މާދަމާ ސުޕްރީމް ކޯޓުގައި އޮންނާނެއެވެ.

މިއީ މީގެ 11 އަހަރުން ކުރިން ދީބާޖާއާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމެއް ބާތިލުކުރުމާ ގުޅިގެން ބަދަލު ހޯދުމަށް ކުރާ ދައުވާއެކެވެ.

މީގެ 11 އަަހަރު ކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރިއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އެއްބަސްވުން ބާތިލުކުރުމުން ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ދީބާޖާ އިންވެސްޓްމެންޓާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ދީބާޖާ އިންވެސްޓްމެންޓަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.

ހައި ކޯޓުގެ ހުކުމް ދީބާޖާ އިންވެސްޓްމެންޓުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ލިބިދޭން ޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން އެ ހުކުމް ރިވިއު ކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން ފަހުން އެ ކޯޓުން ނިންމާފައިވަނީ އެ ހުކުމް ބާތިލުކުރުމަށެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކުރީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމްގައި ބުންޏެވެ. އަދި އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން އަނެއްކާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލައިގައި ދީބާޖާ އިންވެސްޓްމެންޓުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަ ނުކުތާއެއް ހުށަހަޅައިފައެވެ. އިސްތިއުނާފީ ނުކުތާތަކުގައި ބޮޑަށް ރިއާޔަތްކޮށްފައި ވަނީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ދަށު ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް އޮތުމާ ގުޅޭގޮތުންނެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ ހެނދުނު 11:00 ގައި ބާއްވާ އަޑުއެހުމެއްގައި ކަމަށެވެ.