އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އައްޑޫ ސިޓީ ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ކަމަށާއި އުމުރުން 28 އަހަރުގެ މިންހާޖު ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ގެއްލުނު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިންހާޖު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއާ ފްލައިޓް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ނަމްބަރު 191 ނުވަތަ 3395981، 3398898 ނަމްބަރަށް ގުޅުމަށް އަދި ވައިބާ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މިދިޔަ އަންގާރަ ދުވަހު މާލެއިން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލީ ކޮން ދުވަހަކު ކަމެއް އަދި ނޭނގެއެވެ. އެ ލޯންޗުން ދަތުރުކުރި އެކަކު ވަނީ އއ. ފެރިދޫ ފުއްޓަރު ފަރާތުން އެއްގަމަށް އަރާފައެވެ. އޭނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އިތުރުފަރުވާއަށް އާއިލާގެ އެދުމުގެ މަތިން މާލެ ގެނެސްފައެވެ. އޭނާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު