ރ. ދުވާފަރު ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތެއް ވެފައިވާ ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ޑިއުޓީ ޕްރޮސެކިއުޝަނަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 25 އިން މިދިޔަ މަހުގެ އަށްވަނަ ދުވަހާ ހަމައަށް އޭސީސީގެ ހާއްސަ ޓީމަކުން ދުވާފަރުގައި ވަނީ ހަރަކާތްތެރިވެފައެވެ.

އޭސީސީން މިއަދު ބުނީ، މިދިޔަ މަހުގެ 30 ގައި އެ މައްސަލައިގެ ތަހުގީގު ނިންމައި، ޑިއުޓީ ޕްރޮސެކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ދުވާފަރު ކައުންސިލުގެ 12 މުވައްޒަފަކު ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލައި އިރު، އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއަމަލާތްތަކެއް، އުސޫލުތަކާ ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާ އިރު، މިކަމާ ގުޅިގެން ދައުވާކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ދުވާފަރު ކައުންސިލުގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައި ކަމަށް ބުނާ ބޮޑު ހިޔާނާތެއް ފަޅާ އެރީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ.

އެ ރިޕޯޓުން އެނގުނު ގޮތުގައި ކޮވިޑް 19ގެ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރަމުންނެވެ. ތިޖޫރީން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ބަލަހައްޓާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުންކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްގޮތަކަށްވެސް ބަލާފައި ނުވުމާއި، މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި އެ ކައުންސިލުން ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނާ ހިލާފުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.